ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުނު ބޮލީވުޑްގެ ތަރި ޖިއާ ހާންގެ މަރާގުޅޭ ގޮތުން ބީބީސީން އުފެއްދި ޑޮކިއުމެންޓްރީން މީގެ ކުރިން ނޭނގޭ އެތައް މައުލޫމާތެއް ހާމަވަމުން އެބަދެ އެވެ.
އެގޮތުން އޭރު އޭނާގެ ލޯބިވެރިޔާ ސޫރަޖް ޕަންޗޯލީ އާއި އޭނާގެ ބައްޕަ އަދިތްޔާ ޕަންޗޯލީއަށް ރުޅި އަމާޒުވެފައިވަނިކޮށް މަޝްހޫރު ފިލްމު އުފައްދާ ފަރާތެއްކަމަށްވާ ސާޖިދު ހާނަށް ވެސް މިވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފަ އެވެ.
"ފިލްމުގެ ރިހާސަލްތަކުގެ ތެރޭގައި ޖިއާ ސްކްރިޕްޓް ކިޔަމުންގެންދިޔައިރު ސާޖިދު ހާން ބުނީ ޓޮޕް ބާލަން. އެއަށް ފަހު ބްރާ ބާލަން ވެސް ބުނި. ޖިއާއަކަށް ނޭނގުނު ހަދާނެ ގޮތެއް ވެސް. އެ ދުވަހު ގެއަށް އައިސް ވަރަށް ރުއި. އަދި ބުނި މިއުޅެނީ ފިލްމުނުވެސް ފެށިގެންނޭ މިކަންތައް ވާން ފެށިއިރު،" ޖިއާގެ ދައްތަ ކަރިޝްމާ ބުންޏެވެ. "ޖިއާ އިތުރަށް ބުނި އޭނާގެ ކޮންޓްރެކްޓެއް އެބައޮތް ކަމަށް. މި ހިސާބުން ފިލްމު ނުކުޅެ ދޫކޮށްލިއްޔާ ސާޖިދު އޭނާގެ އަބުރު ކަތިލާނެ ކަމަށް. އަދި ޖިންސީގޯނާ ކުރިމަތިވާނެ ކަމަށް."
މީގެ އިތުރުން ކަރިޝްމާ ވަނީ ޖިއާ އާއެކު ސާޖިދު ހާންގެ ގެއަށް ދިޔަ ދުވަހު ކަންތައް ވީގޮތް ވެސް ކިޔާދީފަ އެވެ.
"އަހަންނަށް އޭރު ވާނީ 16 ވަރަކަށް އަހަރު. އަހަރެން ލައިގެން ހުރީ އަތްކަނޑާފައި ހުރި ޓޮޕެއް. ކާ މޭޒު ކައިރީ އިންދާ ސާޖިދު އަހަންނާ ދިމާލަށް ބުނަނީ އަހަރެން ބޭނުން ވަނީ ޖިންސީ ގުޅުން ހިންގަން ކަމަށް. ޖިއާ ދައްތަ ބުނި އޭނާ އާ ދިމާއަށް ކޮން ވާހަކައެއްހޭ ތިދައްކަނީ. ބުނީމަ ބުނީ ބަލާބަލާށޭ އޭނަ އިށީނދެގެން އިން ގޮތް،" ކަރިޝްމާ ކިޔައިދިނެވެ.
މި ވާހަކަތަކާ ގުޅިގެން ކަންގަނާ ރަނޯތް ކުރި ޓުވީޓުގައި ބުނެފައި ވަނީ ސާޖިދުއަކީ އިންޑަސްޓްރީގެ މާފިއާ އާ ގުޅުން އޮންނަ މީހެއް ކަމަށެވެ. އަދި ޖިއާ އާއި ސުޝާންތު މަރާލުމަށް ފަހު އެ މީހުން އޭނާ މަރާލުމަށް މަސައްކަތް ކުރި ކަމަށް ކަންގަނާ ވަނީ ތުހުމަތުކޮށްފަ އެވެ.
ބިގްބޮސް އިން މަޝްހޫރުކަން ހޯދި މަންދަނާ ކަރީމީ ހިމެނޭ ހެން ގިނަ އަންހެނުންތަކެއް ވަނީ މީގެ ކުރިން ވެސް ސާޖިދު ހާންގެ ފަރާތުން ޖިންސީފުރައްސާރަ ލިބުނު ކަމަށް ބުނެފަ އެވެ.