ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން އެކުގައި ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިބްރާހިމް އާއި ހުޝީ އާއެކު ފެނިގެންދާ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. މި ދެ ފަންނާނުން އިއްޔެ ވަނީ ކާސްޓިން ޑިރެކްޓަރު މުކޭޝް ޗަބްރާގެ އޮފީހަށް ވަނީ ގޮސްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

ހުޝީ ފިލްމީ ދުނިޔެ އަށް ތައާރަފު ވާނީ މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާ "ދި އާޗީސް" އިންނެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ތައާރަފުވާނެ އެވެ.

އިބްރާހީމް މިހާރު އަންނަނީ "ސަރުޒަމީން" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ. ވަތަނީ ފިލްމެއްގެ ގޮތުގައި ހަދާ "ސަރުޒަމީން" ގެ ކާސްޓްގައި މަޝްހޫރު ބަތަލާ ކާޖޮލް ވެސް ހިމެނެ އެވެ. މީގެ އިތުރުން އިބްރާހިމް ވަނީ ކެމެރާގެ ފުރަގަހުގައިވެސް މަސައްކަތް ކޮށްފަ އެވެ.