އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ލަގްޒަރީ ޑިޕާޓްމަންޓް ސްޓޯރު، ހެރޮޑްސްގެ ކުރީގެ ވެރިޔާ އަދި ޕްރިސަސް އޮފް ވޭލްސް ލޭޑީ ޑަޔާނާއާއެކު ކާރު އެކްސިޑެންޓެއްގައި މަރުވި ޑޯޑީ އަލް ފާއިދުގެ ބައްޕަ މުހައްމަދު އަލް ފާއިދު މަރުވެއްޖެ އެވެ.
ފާއިދުގެ އާއިލާ އިން އިއްޔެ ނެރުނު ބަޔާނެއްގައިިވާ ގޮތުން އޭނާ މަރުވީ މުސްކުޅި ބަލީގަ އެވެ. މަރުވި އިރު ފާއިދުގެ އުމުރަކީ 94 އަހަރެވެ.
މިސްރަށް އުފަން އަލް ފާއިދު މަރުވީ އޭނާގެ ދަރިފުޅު ޑޯޑީ އަލް ފަޔާދާއި ޕްރިންސެސް އޮފް ވޭލްސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި ފްރާންސްގައި މަރުވި ހާދިސާއަށް 26 އަހަރު ވާން އެއްދުވަހަށް ވެފައި ވަނިކޮށެވެ. ފްރާންސްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އާއި ޑޯޑީ އަލް ފާއިދު މަރުވީ 31 އޮގަސްޓު 1997 ގައެވެ.
ބިލިއަނަރު އަލް ފާއިދަކީ މިސްރުގެ އިސްކަންދަރިއްޔާ އަށް އުފަން މީހެކެވެ. އަލް ފާއިދުގެ މުއްސަނދިކަން ފެށިފައި ވަނީ ސައޫދީ އަރަބިޔާގެ ބިލިއަނަރު އަދި ވިޔަފާރިވެރިޔާ އަދުނާން ޚަޝޯގްޖީގެ ކޮއްކޮ ސަމީރާ ޚަޝޯގްޖީއާ ކައިވެނިކުރި ހިސާބުންނެވެ.
އަލް ފާއިދު ވަނީ އަދުނާނުގެ ޝިޕިން ވިޔަފާރީގައި މަސައްކަތް ކޮށްފަ އެވެ. އެއާއެކު އަލް ފާއިދު އޭނާގެ އަމިއްލަ ޝިޕިން ލައިނެއް މިސްރުގައި ގާއިމްކުރި އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބުރޫނާއީގެ ރަސްގެފާނުގެ އެޑްވައިޒަރުކަން ވެސް އަލް ފާއިދު ކުރި އެވެ.
އަލް ފާއިދު އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކުރީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. 1979 ވަނަ އަހަރު އަލް ފާއިދު އޭނާގެ ބޭބެ އަލީ އާއެކު ފްރާންސްގެ ރިޒް ހޮޓާ ގަތެވެ. އޭގެ ފަހުން 1985 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އެންމެ އަގު ބޮޑު ލަގްޒަރީ ޑިޕާޓްމަންޓް ސްޓޯރު ކަމަށް ހެރޮޑްސް 615 މިލިއަން ޕައުންޑަށް ގަތެވެ. އަލް ފާއިދު ގަތަރުގެ އިންވެސްޓްމެންޓް ފަންޑަށް 1.5 ބިލިއަން ޕައުންޑަށް ހެރޮޑްސް ވިއްކާލީ 2010 ވަނަ އަހަރު އެވެ.
ހެރޮޑްސްގެ އިތުރުން ލަންޑަންގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ފްލަމް ވެސް އަލް ފާއިދު ގަތެވެ. އެ ކްލަބް އަލް ފާއިދު ބެލުމުގެ ދަށުން ވަރަށް ބޮޑަށް ތަރައްގީކުރި އެވެ. އެ ކުލަބުން އިއްޔެ ނެރުނު ބަޔާނެއްގައި އަލް ފާއިދަށް ތާރީފުކޮށް އޭނާގެ ހަނދާންތައް އާ ކޮށްފައިވެ އެވެ.
ފޯބްސް މަޖައްލާގެ 2022 ވަނަ އަހަރުގެ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގައިވާ ގޮތުން އަލް ފާއިދު މާލިއްޔަތުގައި 1.9 ބިލިއަން ޑޮލަރުވެ އެވެ.