މައްސަލަ ބޮޑު އިންޑިއާގެ ފަންނާނެއް ކަމަށްވާ ރާކީ ސާވަންތުއަކީ އެކި ސަބަބުތަކާހުރެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ ފަންނާނެކެވެ.

އެގޮތުން މިފަހަރު ނޫސްތަކަށް އަރާފައި މިވަނީ މުމްބާއީގައި އޮތް އިވެންޓަކަށް ރާކީ ދިޔައިރު އޭނާ ލައިގެން ހުރި އަންނައުނުގެ ވާހަކަ އެވެ.

އާއްމުކޮށް ނިވާކަން ކުޑަ ހެދުންތަކުގައި ފެންނަ ރާކީ އެ އިވެންޓުގައި ފެނުނީ ރަތް ކުލައިގެ އަބާޔާއަކާއެކު އައުރަ ނިވާކޮށްގެން ހުއްޓަ އެވެ. ބޮލުގައި ރިހި "ތާޖެއް" އަޅާފައި އޮތްއިރު އަތުގައި ވެސް އޮތީ ރިހި ކުލައިގެ ދަބަހެކެވެ.

ރާކީގެ މި ފެނިލުމާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފު ކޮށް އާބާޔާގައި ވެސް އަންހެނުން ރީތި ކަމަށް އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް ބައެއް މީހުން މިކަމުގެ ފަހަތުގައި ރާކީގެ މަގުސަދަކީ މީހުންގެ ސަމާލުކަން ހޯދުން ކަމަށް ވެސް ބުނަމުންދެ އެވެ.

ކުރީގެ ފިރިމީހާ އާދިލް ދުރާނީއާއެކު ޖެހުނު މައްސަލަ ގަނޑަށްފަހު ރާކީ ވަނީ ވަރަށް ފަހުން މައްކާއަށް ގޮސް އުމްރާ ވެސް ވެފަ އެވެ. އަދި އޭނާގެ ނަން ފާތިމާއަށް ވެސް ވަނީ ބަދަލު ކޮށްފަ އެވެ.

ފާހަގަ ކުރަންޖެހޭ ކަމަކީ އާދިލްއާ ދެކޮޅަށް ރާކީ ހުށައެޅި މައްސަލާގައި އޭނާ އިސްލާމް ވާން ޖެހުނީ އާދިލް އެކަމަށް މަޖުބޫރު ކޮށްގެން ކަމަށް ބުނެފައިވުމެވެ.

އިއްޔެ އޮތް އެ ހަފްލާގައި ރާކީއަށް އެވޯޑެއް ވެސް ވަނީ ލިބިފަ އެވެ.