ސައުތު އެންޓަޕްރައިސް އޮފީހުގެ ދޮރަށް ގެއްލުން ދިން މައްސަލާގައި ދެ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ހިދުމަތް ދިނުމާއި ހޮޓާ ހިންގާ ކުންފުނީގެ އޮފީހުގެ ދޮރަށް ގެއްލުން ދިން މައްސަލާގައި ހޯދާ ދެ މީހުންގެ ވީޑިއޯއާއެކު ނެރުނު ބަޔާނުގައި ފުލުހުން މިއަދު ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އަލިކިލެގެފާނު މަގުގައި ހުންނަ ސައުތު އެންޓަޕްރައިސް އޮފީހުގެ ދޮރަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

ފުލުހުން ވަނީ އެ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، އެ މައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނެ، އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފަ އެވެ.

އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 469977 އެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުން ބުނެފައިވެ އެވެ.

ވަޅި ހަރައި މަރާލާނެ ކަމަށް ތަކުރާރުކޮށް މުހައްމަދު ތައުފީގު (ސައުތު ތައުފީގު) އަށް އިންޒާރުދެމުން އައިސް މަގުމަތިން މިމަހުގެ ތިންވަނަ ދުވަހު ދިމާކޮށް މޫނުމަތީގައި ޖެހި މައްސަލައެއް ވެސް ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އެކި ކަހަލަ އިންޒާރު ބަޔަކު ދެމުންގެންދާތާ ހައެއްކަ މަސް ވެދާނެ ކަމަށް ތައުފީގު ވިދާޅުވެފައިވެ އެވެ.

އިންޒާރުގެ ފަހަތުގައި ހުރީ ތައުފީގް ތުހުމަތު ކުރައްވާ ގޮތުގައި ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުގެ މީހެކެވެ. މަގުމަތީގައި އުޅޭ މީހުން ފޮނުވައި ބިރުދައްކަމުން ދަނީ 600،000ރ. ދޭން އިންކާރު ކުރުމުން ކަމަށް ތައުފީގް ވިދާޅުވި އެވެ.