މާބަނޑު އަންހެނުންގެ ފިރިން އެމީހުންގެ އަނބިން ބަލިވެ އިންނަ ދުވަސްވަރު ސިނގިރޭޓް ބުއިމުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ކިޑްނީއަށް ގެއްލުންވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
މާބަނޑު ދުވަސްވަރު ފިރިމީހާ ސިނގިރޭޓް ބޭނުން ކުރާނަމަ އޭގެ ދުމުން ކުޑަދަރިފުޅުގެ ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުންނަ މިންވަރު އިތުރުވާނެ ކަމަށާއި އެއީ ކިޑްނީ ބައްޔެއް ޖެހިފައިވާ ކަމުގެ ނިޝާނެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ. އާއްމުކޮށް ސިއްހަތު ރަނގަޅަށް ހުންނަ މީހެއްގެ ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުންނަނީ ވަރަށް މަދު މިންވަރަކަށް ކަމަށްވެސް މި ދިރާސާގައި ބުނެފައި ވެއެވެ.
އެހެންކަމުން އަނބިން މާބަނޑު ދުވަސްވަރު އެމީހުންގެ ފިރިން ސިނގިރޭޓް ބޭނުންކޮށްފައިވާނަމަ، ކުއްޖާގެ އުމުރުން ތިން އަހަރުވުމުން ކިޑްނީ މައްސަލަ ޖެހިފައިވާ ކަމުގެ ނިޝާންތައް ފެންނަން ފަށާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާގައި ހަރަކާތްތެރިވި ޖަޕާންގެ ކްޔޯޓޯ ޔުނިވާސިޓީގެ ކޯޖީ ކަވަކާމީ ވިދާޅުވީ މާބަނޑު ދުވަސްވަރު ސިނގިރޭޓް ބޭނުން ކުރުމުން ދުވަސް ނުފުރާ ވިހެއުމާއި، ކުއްޖާގެ ބަރުދަން ލުއިވުމުގެ މައްސަލަަތައް ދިމާވާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ވަނީ މާބަނޑު ދުވަސްވަރު ސިނގިރޭޓް ދުމުގެ ތެރޭގައި އުޅޭ މީހުންނަށް ލިބޭ ދަރިންގެ ޔޫރިންގައި ޕްރޮޓީން ހުރި މިންވަރު ބެލުމަށް ޓެސްޓްކޮށްފަ އެވެ. ކުދިން އުފަންވީ އިރާއި އުމުރުން ތިން އަހަރުގައި ޔޫރިންގައި ޕްރޮޓީން ހުރި މިންވަރު ވަނީ ބަލައިފަ އެވެ.
އެގޮތުން 44،595 ކުއްޖެއްގެ ޔޫރިން ޓެސްޓްކޮށްފައިވާއިރު އޭގެތެރެއިން ބައެއް ކުދިންގެ ޔޫރިންގައި 78.9 ޕަސެންޓް އާއި 4.4 ޕަސެންޓްގެ އިތުރުން 16.7 ޕަސެންޓް ޕްރޮޓީން ހިމެނޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ކުޑަކުދިންގެ ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުންނަ މިންވަރު އިތުރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ކުދިން ބޮޑެތި ވަމުން އަންނައިރު ކިޑްނީ މައްސަލަތައް ދިމާވާނެ ކަމަށް ދިރާސާ ޓީމުން ބުންޏެވެ.