އިނގިރޭސި ޝާހީ އާއިލާާގެ ދިރިއުޅުން ދައްކުވައިދޭ ނެޓްފިކްސްގެ ސީރީޒް "ދަ ކްރައުން"ގެ އެންމެ ފަހު ސީޒަން އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
މި ސީރީޒްގެ ފަސް ސީޒަންއެއް މީގެ ކުރިން ދައްކާފައިވާއިރު އެ ފަސް ސީޒަންއަށް ވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ހަވަނަ ސީޒަންގެ ޓީޒާއެއް ނެޓްފްލިކްސްއިން ދައްކާލާފައިވާއިރު މި ސީޒަންގައި ޝާހީ ކައިވެންޏެއް ފެނިގެންދާނެ އެވެ. އެއީ ޕްރިންސް ޗާލްސްއާއި ކަމީލާގެ ކައިވެންޏެވެ.
އޭގެ އިތުރުން ވެސް ޕްރިންސަސް ޑައާނާގެ މަރާ ގުޅިގެން ޝާހީ އާއިލާގެ ތެރޭގައާއި މުޅި އިނގިރޭސި ވިލާތުގައި ހިނގާދިޔަ ކަންތައްތައް ވެސް މި ސީޒަންގައި ފެނިގެންދާނެ އެވެ.
"ދަ ކްރައުން"ގެ ކުރީގެ ސީޒަންތަކުގައި ޕްރިންސަސް ޑައާނާގެ ހަޔާތުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލާފައި ވާއިރު ޝާހީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލަތައް ވެސް ވަރަށް ތަފްސީލުކޮށް ދައްކައިދީފައިވެ އެވެ.
މި ސީރީޒްގައި ފެނިގެންދަނީ މީގެ 20 އަހަރު ކުރިން ޝާހީ އާއިލާގައި ހިނގި ކަންތައް ނަމަވެސް މިފަހުން ހިނގާދިޔަ "މެގްޒިޓް" ނުވަތަ ޕްރިންސް ހެރީއާއި މެގަން މާކަލް ޝާހީ އާއިލާއާ ވަކިވުމުގެ މައްޗަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދަ ކްރައުންގެ ހަވަނަ ސީޒަން ނުކުންނާނެ ސީދާ ތާރީހެއް ނޭނގުނު ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބުނެވެ އެވެ.