ޖަކާޓާ (21 ޖެނުއަރީ) - އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ފަހުން، ކަނޑަށް ވެއްޓުނު އެ ގައުމުގެ ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުން ދަތުރުކުރީ މީހުން ހޯދުމުގެ މަސައްކަތް އެގައުމުން ހުއްޓާލައިފި އެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީ އިން ބުނީ ބޯޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމެވެސް ބޯޓުގެ ކެޕްޓަން އަދި ކްރޫއިންގެ އަޑު ރިކޯޑްކުރާ ފޮށި ފެނިފައި ނުވާތީ އެ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރެސްކިއު އެޖެންސީން ބުންޏެވެ.

ސާޗް އެންޑް ރެސްކިއު އެޖެންސީގެ ހެޑް ބަގުސް ޕްރުހިޓޯ ވިދާޅުވިގޮތުގައި ރެސްކިއު ޓީމުތަކުން ވަނީ 324 ބޮޑީ ބޭގްގެ އިންސާނުންގެ ހަށިތަކުގެ ބައިތައް ކަނޑުގެ އަޑިން ނަގާފަ އެވެ. އަދި މީގެ އިތުރުން ބޯޓުގެ ގިނަ އަދަދެއްގެ ބައިތައް ވެސް ވަނީ ނަގާފަ އެވެ.

ޖެނުއަރީ ނުވަވަނަ ދުވަހު އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސްރީވިޖިޔާ ކުންފުނީގެ އެސްޖޭ 182 ފްލައިޓް ވަނީ ވެއްޓިފަ އެވެ. މި ފްލައިޓް ދަތުރުކުރަން ހަމަޖެހިފައިވަނީ ވެރިރަށް ޖަކާޓާއިން ޕޮންޓިއަނަކް އަށެވެ. މި ބޯޓުން 62 މީހަކު ދަތުރުކުރި އެވެ.

ރެސްކިއު ޓީމުތަކުން ވަނީ ބޯޓުގެ ޑޭޓާ ރިކޯޑްކުރާ ކަޅުފޮށިތަކުގެ ތެރެއިން އެއް ފޮށި ހޯދާފަ އެވެ. ނަމަވެސް ކޮކްޕިޓް ވޮއިސް ރިކޯޑާ ވަނީ ހޯދާ ނުފެނިފަ އެވެ. ޑައިވަރުން ވަނީ މި ފޮށީގެ ބެޓެރި އަދި އެހެން ބައިތަކެއް ކަނޑުގެ އަޑިން ނަގާފަ އެވެ.

މާހިރުން ލަފާކުރާ ގޮތުގައި މި ފޮށި ވަނީ ހަލާކުވެފަ އެވެ. މަތިންދާބޯޓުގެ ކަޅު ފޮއްޓަކީ ވަރަށް ވަރުގަދަ މެޓީރިއަލްއަކުން ތައްޔާރުކޮށް، ގެއްލުން ނުލިބޭނެ ގޮތަކަށް ޑިޒައިން ކޮށްފައިވާ އެއްޗެކެވެ. އަދި ބޯޓު ވެއްޓުން ފަދަ ހާދިސާތަކުގައި އެ ފޮށްޓަކީ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު އެންމެ ރަނގަޅަށް ދެނެ ގަނެވޭނެ އެކައްޗެވެ.