ރިޔާސީ އިންތިހާބުގެ ވޯޓުލުމާއި ދިމާކޮށް ހިޔާ ފްލެޓުން މިއަދު ކަރަންޓު ކަނޑާލާނެ ކަމަށްބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް ސްޓޭލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކަރަންޓުގެ ވިއުގައަށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުމުގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލާ ނަމަ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން އެކަން އެ ސަރަހައްދެއްގައި ހިމެނޭ ކަސްޓަމަރުނަށް އަންގާނެ ކަމަށެވެ.

"އެ ފަދަ ނޯޓިސް އެއް މި ކުންފުނިން ނެރެފައި ނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާނެ އެތަކެއް ބައެއްގެ ހައްގަށް ދަތިވާގޮތަށް މިކުންފުނިން އަމަލު ކުރާނެ ކަމަށް ބުނެ މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކެން. އަދި ގްރޭޓާމާލޭ ރީޖަންގެ އެއްވެސް ތަނަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަށް މިއަދު ތާވަލް ކުރެވިފައިނުވާނެ ކަމުގައި ދަންނަވަން،" ސްޓެލްކޯ ބުންޏެވެ.

ސްޓެލްކޯއަކީ އެތަކެއް ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ ކުންފުންޏަކަށްވާއިރު ކުންފުންޏާއި ގުޅޭ މިފަދަ ހަބަރުތައް ޝާއިއު ކުރުމުގައި ޒިންމާދާރުވެ، ކުންފުނީގެ ބަސް މިފަދަ ކަންކަމުގައި ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.