ވޮޝިންޓަން (22 ޖެނުއަރީ) - އެމެރިކާގެ ރައީސްކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެން ވެރިކަމަށް އަދި މިވީ އެންމެ ތިން ދުވަހެވެ. ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަންވަން ޖެހިވަޑައިގެންނެވީ އުނދަގޫ އަދި ކުރިއަށް އޮތީ ވެސް އުނދަގޫ ދުވަސްތަކެއް ކަމަށް ވަނީ ސިފަކުރައްވައިފަ އެވެ. ނަމަވެސް އެއްވެސް ވަގުތެއް ބޭކާރު ކުރެވޭކަށް ނެތް ކަމަށް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ރައީސްކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ދެއްކެވީ މަސައްކަތުގެ ސްޕީޑެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ވަނީ މީގެ ކުރިން ރައީސްކަން ކުރެއްވި ހަތަރު ރައީސުން އެއް ހަފްތާ ތެރޭގައި ނެރުއްވި އަމުރުތަކަށްވުރެ ގިނަ އަމުރު ނެރުއްވާފަ އެވެ. ބައިޑެން ސިފަކުރެއްވި ގޮތުގައި މިއީ މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ.

ކޮވިޑް ރޯގާ މުޅި ދުނިޔޭގައި ފެތުރި ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީގޮތުން ބޮޑުތި ގެއްލުންވެ އެތައް ބަޔަކު މަރުވެއްޖެ އެވެ. ބައެއް ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑްގެ ހާލަތުން އަރައިގަނެ، ގައުމު އާންމު ހާލަތަކަށް ބަދަލުކުރި އިރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުން ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށް އެދެވޭނެ މަސައްކަތެއްކުރި ކަމަކަށް ނުބެލެވެ އެވެ.

އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމަކާއެކު ވެސް އެމެރިކާއިން ކޮވިޑް ރޯގާގައި މަރުވާ މީހުން މަދުކުރެވިފައެއް ނުވެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން މަރުވި މީހުންނަށް ވުރެ ގިނައިން ކޮވިޑް ރޯގާ ޖެހިގެން އެ ގައުމުން ވަނީ މީހުން މަރުވެފަ އެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ބައިޑެން ވިދާޅުވި ގޮތުގައި މިއީ ހަނގުރާމައިގެ ހާލަތެކެވެ. ކޮވިޑްގެ ކޭސްތައް މަދުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް ވެކްސިން ދެވޭ މީހުން އިތުރުކުރުމަށް ބައިޑެން ވަނީ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެއްވެސް ހަރުދަނާ ޕްލޭނެއް ނެތި އެވެ. އެހެންކަމުން މުޅި ޕްރޮގްރާމް ވަނީ ބޮއްސުން ލާފަ އެވެ. ބައިޑެން ސަރުކާރުގެ ފުރަތަމަ 100 ދުވަހު 100 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށް އަމާޒު ހިފާފައިވާ ކަމަށާއި މިކަމަކީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކަމަށާއި އުނދަގޫތަކާއެކު ވެސް މިކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް ރޯގާއިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ ކަންތައްތަކީ ޓްރާންސްޕޭރެންޓް އަދި ކަމާބެހޭ މާހިރުންގެ ފުރިހަމަ ލަފަޔާއެކު ކަންކަން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެ އިތުރުން ފުރަތަމަ ދުވަހު ބައިޑެން ކުރެއްވި ރިޔާސީ އަމުރުތަކުގެ ތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ހުރިހާ އެންމެން މާސްކް އެޅުމަށް ބާރުއެޅުމާއި، ބޮޑެތި ކާރިސާތަކުން އަރައިގަތުމަށް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އުފެއްދެވި ޑައިރެކްޓަރޭޓް އަލުން އަނބުރާ އުފެއްދެވުން ހިމެނެ އެވެ. މިކަމުގެ ސަބަބުން ޕެންޑަމިކްގެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ.

މީގެ އިތުރުން ޓްރަމްޕް ސަރުކާރުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވަކިވުމަށް ނިންމި ނިންމުން އަނބުރާ ގެނެސް އަލުން މި އޯގަނައިޒޭޝަންގައި ބައިވެރިވުމާއި، ވަޒީފާ ގެއްލުނު އެމެރިކާ ރައްޔަތުންނަށް އެހީވުމަށް އިތުރު ފިޔަވަޅުތަކާއި، ކިޔަވާކުދިންގެ ލޯންތައް ދެއްކުން މިއަހަރު 30 ސެޕްޓެމްބަރަށް ލަސްކުރުމާއި، ޕެރިސް ކްލައިމެޓް އެގްރީމެންޓްގައި އަަލުން ބައިވެރިވުމާއި އެމެރިކާގެ ސަރުކާރުގެ ތެރޭގައި ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމާއި، މުސްލިމުންނަށް އެމެރިކާއަށް ނުވަދެވޭނެހެން ޓްރަމްޕް ސަރުކާރުން އަމުރުކުރި އަމުރު ބާތިލް ކުރުމާއި، އަދި އެމެރިކާ- މެކްސިކޯ ބޯޑަރުގެ ފާރު ރޭނުމަށް ފައިސާ ހޯދުމަށް ޓްރަމްޕް ކުރެއްވި އަމުރު ބާތިލް ކުރުން ހިމެނެ އެވެ.

ބައިޑެން ވިދާޅުވިގޮތުގައި އެންމެ އިސްކަމެއް ދެއްވާނީ އެމެރިކާ ރައްޔިތުން ކޮވިޑުން ރައްކާތެރިކުރުމަށާއި އެމެރިކާ މިހާރު އޮތް ހާލަތުން އަރައިގަތުމަށެވެ. އެމެރިކާ މީހުން އަވަސް ހައްލެއް މިކަމަށް ބޭނުންވާ ކަމަށާއި، އެކަންކަން އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިގޮތުން ފުރަތަމަ 100 ދުވަހު ހުރިހާ ސްކޫލެއް ހުޅުވުމަށް މަސައްކަތްކުރުން އަދި ވެކްސިން ދިނުމަށް ސްޓޭޑިއަމްތަކާއި ކޮމިއުނިޓީ ފެސިލިޓީސް ބޭނުންކޮށް ގިނަ ބަޔަކަށް ވެކްސިން ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވުން ހިމެނެ އެވެ.

އެމެރިކާގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި މިހާތަނަށް 16.5 މިލިއަން ވެކްސިން ޑޯޒް ދެވިފައިވެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި ގާތްގަނޑަކަށް 24.5 މިލިއަން މީހުން މި ބަލިޖެހިފައިވެ އެވެ. އަދި މި ބަލީގައި 460،00 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. – ބީބީސީ