ރާކީ ސާވަންތުއަކީ އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ މައްސަލަ ބޮޑު އެއް ފަންނާނުގެ ގޮތުގައި ދެކެވޭ ފަންނާނެކެވެ.
އެގޮތުން ކުރީގެ ފިރިމީހާ އާދިލް ޚާން ދުރާނީއާއެކު ޖެހިފައިވާ މައްސަލައަށް މީޑިއާއާއި އާއްމުންގެ ސަމާލުކަން ހުއްޓިފައިވާއިރު އެކަމާ ގުޅިގެން އޭނާއަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ވެސް ވަނީ އަމާޒުވެފަ އެވެ.
މިކަންތައްތައް ބޮޑުވެ ރާކީ މިވަނީ އެންމެ ފަހުން އޭނާއަށް ފުރައްސާރަކުރާ މީހުންނަށް ވަރުގަދަ އިންޒާރެއް ވެސް ދީފަ އެވެ.
މުމްބާއީގެ އެއާޕޯޓުގައި މީޑިއާއާ ވާހަކަ ދައްކަމުން ރާކީ ބުނީ ގިނަ ޔޫޓިއުބް އިންފްލުއެންސަރުންނާއި މީޑިއާތަކުން އޭނާއަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށާއި އެ އެންމެންނަށް އަބުރުގެ ދައުވާ ކުރަން ވިސްނާ ކަމަށެވެ.
ކައިވެންޏަށް އަހަރެއް ނުވަނީސް ރާކީ ވަނީ އާދިލް ކައިރިން ވަރިވެ އޭނާގެ މައްޗަށް ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ހަމަ އެގޮތަށް އާދިލް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭނާއަށް ބޭވަފާތެރި ވުމުގެ ތުހުމަތު ރާކީއަށް ކޮށްފަ އެވެ.
އެންމެފަހުން ރާކީ ހަބަރުތަކުގެ ސުރުޙީއަށް އައިސްފައިވަނީ މައްކާއަށް ގޮސް ކުރި އުމްރާގެ ސަބަބުންނެވެ.