ރާއްޖެ އަންނަ ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުފަހަރުން ނަގަމުން އަންނަ ކްރޫސް ޕާމިޓް ފީ 1،000 ޑޮލަރު ނުވަތަ 15،420 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މީގެ ކުރިން ބޮޑެތި އުޅަނދުފަހަރުން ކްރޫސް ޕާމިޓުގެ ގޮތުގައި ދައްކަމުން އައިސްފައި ވަނީ 5،000 ރުފިޔާ އެވެ.

މިގޮތަށް ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހެއްގަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަން ވާނީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހު އެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އެޖެންޓުކަން ކުރެވޭނީ، އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން އޭޖެންޓް ކަންކުރުމުގެ ހުއްދަ ކަސްޓަމްސްއިން ދީފައިވާ ފަރާތްތަކަށް ހުއްދަ ދީފައިވާ މުއްދަތުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަށް އަންނަ ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން، އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ މީރާއަށް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެއް ކަމަށެވެ. މި ގަވާއިދުގައިވާ ގޮތުން ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވަން ވާނީ އަދި ބަނދަރު ކުރަންވާނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު އެވެ.

ބޭރުގެ ޓޫރިސްޓު އުޅަނދު، ކަސްޓަމްސް އިންވާޑް ކްރިއަރަންސް ދޭ ދުވަހުން ފެށިގެން 7 ދުވަހަށް ވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ، އެ އުޅަނދަކީ 20 މީޓަރަށް ވުރެ ބޮޑު އުޅަނދެއްނަމަ ކުރޫސިން ޕާމިޓް ހޯދުމަށް 1،000 ޑޮލަރުގެ ފީއެއް، މީރާއަށް ދައްކަންޖެހެ އެވެ. ހުއްދައިގެން މުއްދަތަކީ 90 ދުވަހެވެ.

އެެހެން ނަމަވެސް އުޅަނދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިންވާޑް ކްރިއަރެންސް ދޭ ދުވަހުން ފެށިގެން 365 ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާއި ހަމައަށް އެއްވެސް ފީއަކާއި ނުލައި ދުއްވައި، ބަނދަރުކުރެވޭނެ އެވެ. އަދި މި މުއްދަތު ހަމަވުމުން ކޮންމެ ދުވަހަކަށް 50 ޑޮލަރު ދެއްކުމަށްފަހު، 275 ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވިދާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން ނުވަތަ ކްރޫއިން އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބަން އެދޭ ނަމަ ޗާޓަރު ލައިސަންސެއް ހޯދަން ޖެހެ އެވެ. އަދި ޗާޓަރު ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް ބޭރުގެ ޓޫރިސްޓް އުޅަނދު ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި އެ އުޅަނދު ބަނދަރު ކުރުމަށް އެދޭނަމަ އާ ޗާޓަރު ލައިސަންސެއް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހޯދަންޖެހެ އެވެ.

ގަވާއިދާ ހިލާފުވުމުން އުޅަނދަކާއި ހަވާލުވެހުރި އޭޖެންޓު، ޖޫރިމަނާކުރުމުގެ އިޙްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިފައިވާއިރު، ގަވާއިދާ ޚިލާފްވާ ފުރަތަމަ ފަހަރަށް 1،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ދެވަނަ ފަހަރު 2،000 ޑޮލަރު އަދި ދެ ފަހަރަށް ވުރެ ގިނައިން ގަވާއިދާ ޚިލާފްވެއްޖެނަމަ، ގަވާއިދާ ޚިލާފްވާ ކޮންމެ ފަހަރަކު 6،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.