1997 ވަނަ އަހަރު ނެރުނު "ހީރޯ ނަމްބަރު 1″ އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ފިލްމެކެވެ. މިފިލްމުގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ކަރިސްމާ ކަޕޫރު އާއި ގޯވިންދާ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އަންނަނީ މިފިލްމުގެ ދެ ވަނަ ބައެއް ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިފިލްމުގައި ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޓައިގާ ޝްރޮފާއި ބަތާލާ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިފިލްމުގައި ރިތިކް ރޯޝަންގެ ބޮޑު ބޭބެ އަދި ކުޅަދާނަ މިއުޒިކް ކޮމްޕޯސަ ރާޖޭޝް ރޯޝަންގެ ދަރިފުޅު ޕަޝްމިނާ ރޯޝަން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެހެން ނަމަވެސް މިފިލްމުގެ ފުރަތަމަ ބައި ގެނެސްދިން ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އާއި ޑައިރެކްޓަރު ޑޭވިޑްވެސް މިފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިނުވެ އެވެ.
"ހީރޯ ނަމްބަރު 1" އަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. އަދި އެ ފިލްމުގެ ލަވަތަކުގެ ތެރެއިން ޓައިޓްލް ލަވަ އަކީ މިހާރު ވެސް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވައެކެވެ.
ޑޭވިޑް އެންމެ ފަހުން ޑައިރެކްޓްކުރީ ގޯވިންދާ އާއި ކަރިޝްމާ ކުޅުނު 1995 ގެ "ކޫލީ ނަމްބަރު 1" ގެ ރީބޫޓް ވާޝަނެވެ. ދެހާސް ވިހީގައި ގެނެސްދިން އެ ފިލްމުގެ ލީޑް ކުޅުނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަނާއި ސާރާ އެވެ.