ފާއިތުވެދިޔަ އެއް އަހަރު ތެރޭގައި އުޅުނީ ވަރަށް ބަލިވެ ކަމަށާއި ސިއްހީ ހާލަތު ވަރަށް ދަށަށް ދިޔަ ކަމަށް ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނޯޓް ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ކަންގަނާ ބުނެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ބޮޑެތި ބަލިތަކެއް ތަހައްމަލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑެންގޫއާއި ކޮވިޑް ޑެލްޓާއާއި ކޮވިޑް އޮމިކްރޯންގެ އިތުރުން ވެސް ސްވައިން ފްލޫ ފަދަ ބަލިތަކަށް މިދިޔަ އަހަރު ފަރުވާ ހޯދާފައިވާ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

"ފާއިތުވެދިޔަ 12 މަސް ދުވަހު އަހަރެން މިއުޅުނީ ވަރަށް ބަލިވެ. އެކަމަކު މިކަހަލަ ހާލަތެއް ކޮންމެ މީހަކަށް ވެސް ދިމާވެދާނެ. މުހިއްމު ކަމަކީ ފަސްނުޖެހި ކުރިއަށް ދިއުން" ކަންގަނާ ބުނެފައވެ އެވެ.

ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނީ އޮޓޯބައިގްރަފީ ފިލްމު "ތޭޖަސް" އިންނާއި "ޗަންދްރަމުކީ 2" އިންނެވެ.