މޮސްކޯ (23 ޖެނުއަރީ) - ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީ މަރާލަން ބަޔަކު ޒަހަރު ދިނުމާ ގުޅިގެން ފަރުވާ ހޯދުމަށް ބާލިންގައި ދުވަސްތަކެއް ވަންދެން އެނބުރި ގައުމަށް އައުމުން ހައްޔަރު ކުރުމާއެކު އޭނާގެ ސަޕޯޓަރުން ވަނީ ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަން ފަށާފަ އެވެ.

ނަވާލްނީ މަރާލުމަށް ބަޔަކު ވަނީ ނާވް އޭޖެންޓެއް ބޭނުންކޮށްފަ އެވެ.

ނަވާލްނީ ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލުމަށް ޒަހަރު ދިނީ ރަޝިއާގެ ސިއްރު ފުލުހުންނެވެ. ނަވާލްނީ ހައްޔަރުކުރުމާއެކު އޭނާ ވަނީ އޭނާގެ ސަޕޯޓަރުން މުޒާހަރާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެއާއެކު އެތައް ހާސް ސަޕޯޓަރުން މުޒާހަރާއަށް ނުކުމެފައިވެ އެވެ.

ރަޝިޔާގެ ފުލުހުންވަނީ މުޒާހަރާ ކުރުމަށް ނުކުންނަ މީހުންގެ ސަބަބުން ކޮވިޑް އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް ގޮވާލައްވާފަ އެވެ. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ހަދައި، މުޒާހަރާކުރުމަށް ނުކުންނަ މީހުންނާ ދެކޮޅަށް ހަރުކަށި އަދަބުދޭނެ ކަމަށް އަންގައި ފުލުހުން ވަނީ އިންޒާރު ވެސް ދީފަ އެވެ. ނަމަވެސް ނަވާލްނީގެ އެތައް ހާސް ސަޕޯޓަރުންވަނީ ގަދަ ފިނީގައި މުޒާހަރާއަށް ނުކުމެ، އެ މީހުންގެ ލީޑަރު ވަގުތުން ދޫކުރުމަށް ގޮވާލާފަ އެވެ.

ރަޝިޔާގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި ދެމެދު ހިންގި ހަމަނުޖެހުން ތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ގުރޫޕްތަކުން ބުނެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ނަވާލްނީގެ އަނބިކަނބަލުން ޔުލިޔާ ވެސް ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ނަވާލްނީ ހައްޔަރުކުރުމާއެކު ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މީގެ ތެރޭގައި އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ކެނެޑާ ހިމެނެ އެވެ.