ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކޮށްފައި ވަނީ 143 މިލިއަން ޑޮލަރަށް ކަމަށާއި މި ސަރުކާރުން ބެލި ބެލުމަށް އެންމެ ބޮޑުވެގެންވެސް މިފަދަ އިމާރާތެއް ބިނާކުރުމަށް ދާނެކަމަށް އަންދާޒާކުރެވެނީ 40 މިލިއަން ޑޮލަރު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބެލުމުގެ ދަށުން ވަކި ތިން އިމާރާތް ބިނާކުރުމަށް ނިންމައި އެވޯޑު ކުރި ޕްރޮޖެކްޓެއް ކަމަށެވެ. އެ ތިން އިމާރާތުގެ ތެރޭގައި 10 ފަންގިފިލާގެ ދެ އިމާރާތާއި 25 ފަންގިފިލާގެ އިމާރާތެއް އަޅާނެކަމަށް އޭރުގެ ޕްލޭންތަކުން ދައްކާ ކަމަށާއި ނަމަވެސް އެ މަޝްރޫއު ނިމުނު އިރު ތިން އިމާރާތުގެ އަގަށް ނިންމާފައިވަނީ އެއް އިމާރާތުގެ ތޮށިގަނޑު ކަމަށް އެ އޮފީހުން ބުންޏެވެ.

އަގުހެޔޮ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސިންގަޕޯގެ ޝެންހުއާ ކުންފުންޏާ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބެލުމަށްފަހު އޭރު ނިންމާފައިވަނީ މި މަޝްރޫއުގައި ކޮރަޕްޝަން ނުހިމެނޭކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް މިފަހަކަށް އައިސް ފަތުރާތީ އެ ވާހަކަތައް އައިޖީއެމްއެޗުން ވަނީ ދޮގުކޮށްފަ އެވެ.

އައިޖީއެމްއެޗުން ބުނީ 24 ފަންގިފިލާގެ އެ އިމާރާތުގެ 8 އަދި 14 ވަނަ ފަންގިފިލާ ފިޔަވައި ހުރިހާ ފަންގިފިލާއެއްގައިވެސް ސިއްހީ ހިދުމަތް ދެމުން ގެންދާކަމަށެވެ. އެ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށެވެ.

އެ ހޮސްޕިޓަލްގެ 19 – 15 ވަނަ ފަންގިފިލާ އަކީ ޕްރައިވެޓް ކޮޓަރިތައް ކަމަށާއި 20 ވަނަ ފަންގިފިލާއަކީ ޕްރެސިޑެންޝަލް ސުއިޓް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ހަމައެހެންމެ 21 – 23 ވަނަ ފަންގިފިލާގައި ވިޒިޓިން ޑޮކްޓަރުން ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު 24 ވަނަ ފަންގިފިލާއަކީ މީޓިން ރޫމްތަކަށް ހާއްސަކޮށްފައިވާ ތަނެއްކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.