2019 ވަނަ އަހަރު ނުކުތް އެންމެ ހިޓް ފިލްމަކީ "ކަބީރު ސިންގް" ކަމުގައި ގިނަ ބަޔަކު އެއްބަސްވާނެ އެވެ. މިއީ މަޝްހޫރު ތެލުގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރީމޭކެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔައީ ޝާހިދު ކަޕޫރާއި ކިއަރާ އަދްވާނީ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝާހިދު ކަޕޫރު ބުނީ "ކަބީރު ސިންގް" ޝޫޓިންގައި ދެ ސިނގިރޭޓް ފޮށި ހުސްވަންދެން ބުއިމުގެ ސަބަބުން ޝޫޓިން އަށް ފަހު ދެ ގަޑިއިރު ވަންދެން ފެންވަރާލަން ޖެހުނު ކަމަށެވެ. އެއީ ސިނގިރޭޓް ވަސް ފިލުވުމަށްޓަކައި ކަމަށް ޝާހިދު ބުންޏެވެ.
މީގެ އިތުރުން ޝާހިދު ބުނީ އޭނާ އަކީ މިހާރު ސިނގިރޭޓް ބޯ މީހެއް ނޫން ކަމަށެވެ. އަދި މިފިލްމު ކުޅުނު އިރު ސިނގިރޭޓް ގިނައިން ބޯޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
ޝާހިދު ބުނި ގޮތުގައި އޭނާ ސިނގިރޭޓް ބުއިން ހުއްޓާލީ ދަރިންނަށްޓަކައި އެވެ.
ޝާހިދު ކަޕޫރު މީރާ ކަޕޫރާ ކައިވެނި ކުރީ 2015 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ވަނީ ދެ ކުދިން ލިބިފަ އެވެ.
2019 ވަނަ އަހަރު ޖޫން މަހު ސިނަމާތަކުގައި އެޅުވި "ކަބީރު ސިންގް" އަކީ ބޮކްސް އޮފީހުގެ ބޮޑު ހިޓެކެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރު ސިންގް" އަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން އަމިއްލަ ނަފުސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ފިލްމުގައި ޝާހިދު ދައްކާފައިވާ ހުނަރަށް އެތައް ބައެއްގެ ތަޢުރީފު އޭނާއަށް އޮހުނެވެ. ގިނަބަޔަކު އަދިވެސް ބަލާހިތުން ބަލާ ފިލްމަކަށް މި ފިލްމު ވަނީ ވެފަ އެވެ.