ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި ރާއްޖެ އިން ބޭރުގައި ރީ-ރަޖިސްޓްރީކޮށްފައި ވަނީ 3،327 މީހުންނެވެ.

ވޯޓު ފޮށިތައް ބަހައްޓަން ހަމަޖައްސާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާ އަދި އިނގިރޭސި ވިލާތުގަ އެވެ. އެންމެ ގިނަ އިން ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ މެލޭޝިއާގަ އެވެ. އެ ގައުމުގައި ތިން ވޯޓު ފޮށި ބަހައްޓަން ނިންމާފައިވެ އެވެ. އަދި އިންޑިއާ އާއި ސްރީލަންކާގައި ދެ ވޯޓު ފޮށި ބަހައްޓާ އިރު، ޔޫއޭއީ އަދި އިނގިރޭސި ވިލާތުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެ އެވެ.

މި ފަސް ގައުމުގައި 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގެ އެވެ. އެ ގައުމުން އެކަނި ވެސް 2،628 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ދެވަނަ ބުރުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ރީ-ރަޖިސްޓްރޭޝަން އިތުރުވުމުން މި ފަހަރު 12 ފޮއްޓެއް އިތުރަށް ބަހައްޓަން ވެސް ވަނީ ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަކަށް ނުވާތީ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.