ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފައްޓަވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިފަހަރު 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންދާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހަވީރު 16:00 އާ ހަމައަށް ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެގޮތުން މިހާރު އަންނަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބުން އަންނަނީ ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ދަރުބާރުގޭގަ އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 5 އަށެވެ.