ޖަކާޓާ (24 ޖެނުއަރީ) - އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން އިރާން އަދި ޕެނަމާގެ ތެޔޮޓޭންކަރެއް ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީގެ ސްޕޯކްސް ޕާސަން ވިދާޅުވީ އާދީއްތަ ދުވަހު އެ ގައުމުގެ ކަނޑުގެ ސަރަހައްދުން އިރާން އަދި ޕެނަމާގެ ދެ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާ ކަމަށެވެ. އެ ޓޭންކަރުތައް ހިފަހައްޓާފައި ވަނީ ގަވާއިދާ ހިލާފަށް ވަގަށް ތެޔޮ ޓްރާންސްފާ ކުރާކަމުގެ ތުހުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތެޔޮ ޓޭންކަރުގައި އެ ގައުމެއްގެ ދިދަ ނުނެގުމާއި، ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ފާހަގަ ކުރުމަށް ހަރުކުރެވިފައިވާ އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލުން އަދި ހުއްދަ ނުހޯދައި ނަގިލިލައިގެން ތިބުން ވެސް ހިމެނެ އެވެ.

އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީގެ އޮފިޝަލުން ވަނީ މި ދެ އުޅަނދު އިންޑޮނޭޝިއާގެ ރިއާއު އައިލެންޑް ޕްރޮވިންސްގެ ބަޓަމަން އައިލެންޑަށް އިތުރަށް ތަހުގީގަށް ގެންގޮސްފަ އެވެ.

އިރާންގެ ސަރުކާރާ ދެކޮޅަށް އެމެރިކާ އަދި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ތެލުގެ ވިޔަފާރި ނުކުރެވޭތީ އިރާންގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ކަޅު ބާޒާރުގައި ތެޔޮ ވިއްކުމަށް އިރާންގެ ތެޔޮ ޓޭންކަރުތައް އެ އުޅަނދުތަކުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލައިގެން ބައެއް ގައުމުތަކުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އެވެ. މިގޮތަށް އެހެން އުޅަނދުތަކަށް ތެޔޮ ބަދަލުކުރުމަށްފަހު އެހެން ބައެއްގެ ނަންމަތީގައި ތެޔޮ އެކި ފަރާތްތަކަށް ވިއްކަ އެވެ.