ލ. ގަމުން ގޯތި ދޫކުރުން ލަސްވާތީ ރައްޔިތުން ނުކުމެ މުޒަހަރާ ކުރުމުން ގަމުން ދުކުރާ 400 ގޯތީގެ ރަޖިސްޓްރީ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ގަމުން ދޫކުރާ ގޯތި ދޫކުރުން ލަސްވާތީ އެރަށު ރައްޔިތުން އިއްޔެ ވަނީ ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށްފަ އެވެ. އަދި ރައްޔިތުންގެ ގިނަ ޑިމާންޑްތަކެއްވެސް ހުށަހެޅި އެވެ.

ގަމު ކައުންސިލުން މިހާރު ނިންމާފައިވަނީ ރައްޔިތުންގެ ޑިމާންޑުތަކާ އެއްގޮތަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރަތަކަށް މިހާރު ވަނީ އަންގާފަ އެވެ.

ގަމު ކައުންސިލުން ބުނެފައިވަނީ ގަމުން ދޫކޮށްފައިވާ 400 ގޯތި، 4000 އަކަފޫޓަށް ބަދަލު ކުރަން ކައުންސިިލުން ނިންމާ އެކަމުގެ ހުއްދަ އަށް އެދި އެތައް ފަހަރަކު އެ މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

ލ.ގަމު ކައުންސިލު އިދާރާގައި މުޒާހަރާ ކުރަނީ

ގަމު ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރައްޔިތުން ޑިމާންޑުކޮށްފައި ވަނީ މިހާރުން މިހާރަަށް 400 ގޯތީގެ ރަޖިސްްޓްރީ އެމީހުންނާ ހަވާލު ކުރުމާއި ޝަރުތު ހަމަވާ ގަމުގެ ހުރިހާ ރައްޔިތުންނަށް ގޯތިދޭން އަވަހަށް އަލުން އިއުލާނު ކުުރުމަށެވެ.

ގޯތި ދިނުން ލަސްވާތީ އިއްޔެ ވަނީ ކައުންސިލް އިދާރާގައި ރައްޔިތުން މުޒަހަރާ ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެ ރަށުން ދޫކުރަން ފުރަތަމަ ނިންމީ 2،000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް އެ ގޯތިތަކުގެ ސައިޒު 4،000 އަކަފޫޓަށް ބޮޑުކުރުމުން ގޯތި ދޫކުރުން ލަސްވެފައިވާ ކަމަށާއި އެއާގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ގޯތި ދޭން ހުށަހެޅީ އެކަން ކުރެވޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި ލ. ގަމުން 2018 ވަނަ އަހަރު ދޫކޮށްފައިވާ 400 ގޯތި ބޮޑުކުރުމަށް އެދި ޕްލޭނިން މިނިސްޓްރީ އަށް ހުޅަހެޅި ނަމަވެސް އެ މިނިސްޓްރީގެ ހުއްދަ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އޭގެ ފަހުން ގޯތި ދިނުމުގެ ހުއްދައަށް އެދި މި މަހުގެ ތިން ވަނަ ދުވަހު ހުށަހެޅި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.