އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޯޓުލައްވައިފި އެވެ.
ރައީސް ސޯލިހު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ވޯޓު ފޮއްޓަށެވެ.
ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ބުރު ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އެކަމަކު އެކަން ބިނާވާނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުން ކަމަށާއި އަދި ފެންނަނީ ފުރަތަމަ ބުރާ ހިލާފަށް ގިނަ ބަޔަކު ވޯޓުލާން ނުކުންނަ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަކި ޕަސެންޓެއް ދަންނަވަން އެނގިވަޑައިނުގަތަސް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރި ނަމަވެސް އެމްޑީޕީން ގާނޫނާ ހިލާފް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 10:00 އާ ހަމައަށް 282،804 މީހުންގެ ތެރެއިން ވޯޓު ލީ 65،600 މީހުން ކަމަށެވެ.
ބައެއް ފޮށިތަކުގެ ކައިރީގައި ވޯޓުލާން ގިނަ ބަޔަކު ތިއްބަސް ގިނަ ތަންތަނުގައި ފެންނަނީ މީހުން މަދުކޮށެވެ.