ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރްޔާ ރާއީ ބައްޗަންގެ އެންމެ ފަހުގެ ފެނިލުމާއެކު އޭނާއަށް ގިނަ ބައެއްގެ ތައުރީފާއި ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

މިދިޔަ ހަފްތާގައި ފްރާންސްގެ ޕެރިސްގައި ބޭއްވި "ޕެރިސް ފެޝަން ވީކް"ގައި ލޮރެއާލް ތަމްސީލުކޮށް އައިޝްވާރްޔާ ފެނުނުއިރު އޭނާ ހުރީ ވަރަށް ތަފާތުކޮށެވެ.

އެގޮތުން އިސްތަށިގަނޑުގައި ބްލޮންޑް ހައިލައިޓްސް ޖައްސާފައި ހުރިއިރު މޫނުމަތިން ވެސް ކޮންމެވެސް ވަރެއްގެ ތަފާތު ކަމެއް ފާހަގަ ކުރެވެ އެވެ.

އެއާއެކު އިންޓަނެޓުގައި މީހުން ވަނީ ހިޔާލު ފާޅުކުރަން ފަށާފަ އެވެ. އެއްބަޔަކު އެ ފެނިލުމުގައި އޭނާ މާ ރީތި ކަމަށް ބުނަމުން އަންނައިރު އަނެއް ބަޔަކު ވަނީ އޭނާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.

"އޭނާގެ މޫނަށް ހަދާފައި އެހުރީ ކިހިނެއް؟ ލައިގެން ހުރީ ކޮންކަހަލަ ހެދުމެއް؟ މިކަން ކުރި ބަޔަކު ވަގުތުން ވަޒީފާއިން ވަކިކުރަން ޖެހޭ" މީހަކު ކޮމެންޓް ކޮށްފައި އޮތެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އައިޝްވާރްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މަނީ ރަތްނާމްގެ "ޕޮންނިޔަން ސެލްވަން"އިން ޑަބަލް ރޯލަކުންނެވެ.