ގާނޫނާ ހިލާފަށް ހިންގަމުން އަންނަ އޮންލައިން ބެޓިން ގޭމް ސައިޓެއް ކަމަށްވާ "މަހާދޭވް އެޕް"ގެ މައްސަލާގައި ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ)އަށް ހާޟިރުވާން އެންގިތާ މާ ގިނަ ދުވަހެއް ނުވަނީސް ހަމަ އެ މައްސަލައަށް ބޮލީވުޑްގެ އިތުރު ނަމެއް ވެސް ގުޅިއްޖެ އެވެ.

އެގޮތުން މިފަހަރު އީޑީއަށް ހާޟިރުވާން އަންގާފައިވަނީ "ތޫ ޖޫތީ މޭ މައްކާރު"ގައި ރަންބީރުއާ އެއްކޮށް ހަރަކާތްތެރިވި ޝްރައްދާ ކަޕޫރެވެ.

ތަހުގީގުގެ ބޭނުމަށް ސުވާލު ކުރަން ޝްރައްދާ އީޑީއަށް ވަރަށް އަވަހަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް ރަންބީރު ވަނީ އޭނާ ހާޟިރު ވުމަށް ދެ ހަފްތާގެ މުއްދަތަކަށް އެދިފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަންބީރު ވަނީ އެ ވެބްސައިޓް ޕްރޮމޯޓް ކުރުމަށްޓަކައި އެ ސައިޓް ހިންގާ ފަރާތްތަކުން ވަރަށް ބޮޑު އަގެއް ނަގާފަ އެވެ. މިއީ ވެސް ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

ރަންބީރާއި ޝްރައްދާގެ އިތުރުން ކޮމީޑިއަން ކަޕިލް ޝަރްމާއާއި ޓީވީ އެކްޓްރެސް ހީނާ ޚާންއަށް ވެސް ވަނީ މި މައްސަލާގައި އީޑީއަށް ހާޟިރުވުމަށް އަންގާފަ އެވެ.

"ދަ މަހާދޭވް" އެޕްއަކީ ޖުވާ ކުޅުމަށް ހިންގަމުން އަންނަ އޮންލައން ބެޓިން ޕްލެޓްފޯކެވެ. ހަބަރުތައް ބުނާ ގޮތުގައި މި ސައިޓުގެ ވެރިންނަށް 200 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.