މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮވިޑްގެ ވަބާ އިން ދުނިޔެ ސަލާމަތްވުމަށް ދަތުރު ފަށާފައިވީ ނަމަވެސް މިކަމުން މުޅިން ސަލާމަތްވެވެން އަދި ކައިރި ވެސް ނުވެ އެވެ. ނަމަވެސް ވެކްސިނާއެކު ވަނީ މިކަމުން އަރައިގަނެވޭނެ ކަމުގެ އުއްމީދެއް ލިބިފަ އެވެ. އެއާއެކު އަނެއްކާ ވެސް މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތިން ހަނދާން ނެތެން ފަށައިފަ އެވެ.

މާލޭގެ މަގުމައްޗަށް ބަލާލުމުން ފެންނަ މަންޒަރުތަކުން މިއުޅެވެނީ ބޮޑު ވަބާއެއްގެ ތެރޭގައި ހެން ހީ ވެސް ނުވެ އެވެ. ގިނަ ފަހަރަށް އެކަން އިހުސާސް ވަނީ ވެސް މާސްކު އަޅައިގެން ތިބޭތީ އާއި މަގުމަތީގައި ސާމްޕަލް ނަގަން ޕީޕީއީގައި ހަރަކާތްތެރިވާ އާރްއާރްޓީގެ މީހުން ފެނުމުންނެވެ. ފިހާރަތަކުގައި އަދި ރެސްޓޯރެންޓްތަކުގައި ވެސް ގައިދުރުކަމެއް ނުބަހައްޓަ އެވެ. ގައިދުރުކަން ނުބަހައްޓާއިރު މާސްކު ވެސް އަޅާފައި ހުންނަނީ ދެން އެޅީމޭ ބުނަންވެގެންނެވެ. ދިވެހީންގެ ފަރުވާކުޑަކަން ވަރަށް ރަނގަޅަށް މިދަނީ ފެންނަމުންނެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކަށް މިވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ކާފިއުތައް އުވާލާ، ރެސްޓޯރެންޓް، އޮފީސް އަދި ސްކޫލްތައް ހުޅުވާފައި ވާއިރު އެންމެ ފަހުން މިވަނީ ސިނަމާތައް ހުޅުވުމުގެ ހުއްދަވެސް ދީފަ އެވެ. ސަރުކާރުން ވެސް ބެލީ އާއްމުން ފަރުދީ ޒިންމާ އަދާކުރާނެ ކަމަށެވެ. ވިޔަފާރިތަކާއި އޮފީސްތަކުގެ މަސައްކަތް ވެސް އަބަދު ހުއްޓާލައިގެން ނުތިބެވޭނެ އެވެ. ދަރިވަރުންގެ ކިޔެވުން ވެސް ހުއްޓާލައިގެން ނުވާނެ އެވެ. ވީއިރު މިކިޔާ އާ އާންމު ހާލަތަށް ދެވެން އޮތީ އެންމެން އެއްބާރުލައިގެން މަސައްކަތް ކޮށްގެންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ދިޔަ ކަމަށް ހީކޮށް ހަމަޖެހިލައިގެން ތިއްބާ އަނެއްކާވެސް މިދަނީ ކޭސްތައް އިތުރުވަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާހަމައަށް ރާއްޖެއިން 109 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 15،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ކޮވިޑުގެ ހާލަތު ރަނގަޅުވީ ކަމަށް ހީކޮށް ފަރުވާ ކުޑަކުރުމުގެ ނަތީޖާ މިފެންނަނީ ހިތިކޮށް، ކޮންމެ ރެއަކު އެޗްޕީއޭ އިން އާންމުކުރާ ތަފާސްހިސާބުތަކުންނެވެ.

ކައިވެނި ހަފްލާތަކާއި އެހެނިހެން އިހްތިފާލްތައް ބޭއްވުމުގެ ހުއްދަ ދީފައިވާއިރު އެޗްޕީއޭ އިން އެދުނީ އެންމެ ކަމަކަށެވެ. އެއީ މިކިޔާ "އެޗްޕީއޭގެ ގައިޑްލައިން"ތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރިއަށް ގެންދިއުމަށެވެ. ގައިދުރުކަން ބަހައްޓާ، ހުރިހާ ވަގުތަކު ވެސް މާސްކު އަޅައިގެން އުޅުމެވެ. ބަލިވެ އުޅޭ ނަމަ ޕާޓީތަކަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމެވެ. މި އިރުޝާދުތަކަށް ބޯނުލެނބުމުގެ ސަބަބުން ކަންތައް ވެގެންދިޔަ ގޮތް ނިކަން ދެކިބަލާށެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއިން އުފެދުނު ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 100 އަށް ވުރެ މައްޗަށް އަރާފަ އެވެ. ޕާޓީއަށް ދިޔަ މީހުންގެ އިތުރުން ޕާޓީއަށް ދިޔަ މީހުންނާއި ބައްދަލުވި މީހުން ވެސް ބައްޔަށް ޕޮޒިޓިވްވެ، އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދިޔަ އެވެ.

ކޭސްތައް ފެންނަ ވަރު މަދުވުމަކީ ހާލަތު ރަނގަޅުވެ ބަލީގެ ނުރައްކާ ކުޑަވާ ކަމެއް ނޫންކަން އެ ކައިވެނި ޕާޓީ ކްލަސްޓާއިން ވެސް އެނގިގެން ހިނގައްޖެ އެވެ. ޑޮކްޓަރުން ތާ އަބަދުމެ އެދައްކަނީ އެ ވާހަކަ އެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވި، ކޭސްތައް ސުމަކަށް ވެއްޓުމުން ނޫނީ އެ ބަލި އަހަރެމެންގެ ތެރެއިން ފިލާ ދިޔައީ ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަ ނުކުރާށެވެ. ނަތީޖާ ހިތިވާނެ އެވެ. އަނބުރާ ލޮކްޑައުންއަކަށް ދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަން ޔަގީންކޮށް ބުނަން އެނގެ އެވެ.