އިޒްރޭލާއި ހަމާސްގެ ކުރިމަތިލުމެއް ހިނގައި، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

ހަމާސް އިން މިހާރު ވަނީ މިއިން ދުވަހަކު ވެސް ނުދޭވަރުގެ ވަރުގަދަ ރޮކެޓް ހަމަލާތަކެއް އިޒްރޭލަށް މިއަދު ދޭން ފަށައިފަ އެވެ.

ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލް ގަޑިން ހަތެއް ޖެހީއްސުރެ އެގައުމުގެ އެކި ހިސާބުތައް ވަނީ އިންޒާރުގެ ސައިރަންތަކުން ގުގުމާލައިފަ އެވެ. ހަމާސް އިން ބުނާ ގޮތުގައި އެޖަމާއަތުން ވަނީ 5،000 ރޮކެޓު އިޒްރޭލަށް ފޮނުވައިފަ އެވެ.

ހަމާސްގެ މުޖާހިދުން އިޒްރޭލަށް

ރޮކެޓް ހަމަލާގެ އިތުރުން ބޯޑަރު ހުރަސްކޮށް އިޒްރޭލްގެ އެތެރެއަށް ހަމާސްގެ ގިނަ އަދަދެއްގެ މުޖާހިދުން ވަދެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި އެއްގަމާއި ކަނޑާއި މަތިން އިޒްރޭލުގެ ސަރަހައްދަށް މުޖާހިދުން ވަނީ ވަދެފަ އެވެ. އެ މީހުން ހޯދައި، ބަލި ކުރުމުމުގެ މަސައްކަތް އިޒްރޭލްގެ ސިފައިން މިހާރު ކުރިޔަށްގެންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފަލަސްތީނާއި އިޒްރޭލް ރަސްމީކޮށް ހަނގުރާމައިގައި

ހަމާސްއިން އިޒްރޭލް ސިއްސުވައިލައި ހަނގުރާމަ ފެށުމުގެ އިރުގަނޑެއް ފަހުން ނެރުނު ބަޔާނެއްގައި އިޒުރޭލުގެ ބޮޑު ވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ ރަސްމީގޮތުން ގައުމުގައި ހަނގުރާމަވެރި ހާލަތު އިއުލާން ކޮށްފަ އެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އަދުއްވުން (ފަލަސްތީނު)ގެ ކިބައިން ދުވަހަކު ހިތަށް ވެސް ނުގެނެވޭ ފަދަ ގޮތަކަށް ބަދަލުހިފާނެ ކަމަށެވެ.

ހަމާސްގެ މިލިޓަރީ ކޮމާންޑަރު މުހަންމަދު ދީފް ވެސް ވަނީ އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.

އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ފަށާފައި މިވަނީ މަސްޖިދުލް އަގްސާ އާއި ގުދުސް މިނިވަންކުރުމުގެ ހަނގުރާމަ ކަމަށެވެ. ކޮމާންޑަރު އިތުރަށް ވިދާޅުވެފައި ވަނީ އިޒްރޭލުން އަލް އަގުސާ މިސްކިތުގައި ހިންގަމުން ގެންދިޔަ އުދުވާން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން އިޒްރޭލަށް އިންޒާރު ދެވިއްޖެ ކަމަށެވެ. އެހެންކަމުން އިޒްރޭލްގެ އުދުވާނުގެ ބަދަލުގައި ހިމޭނުން ތިބި ދުވަސް ނިމުނީ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބަޔާނުގައި މުސްލިމުންނަށް ގޮވާލާފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން އާބާދުކޮށްފައިވާ ސަރަހައްދުތަކުގައި ބިރެއް ނެތި ހަމަލާތައް ކުރިއަށް ގެންދިއުމަށެވެ.

އިޒްރޭލް ސިފައިންގެ ބަޔަކު ރަހީނުކޮށްފައި

ފަލަސްތީނުގެ ބައެއް މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ހަނގުރާމަވެރިން ވަނީ އިޒްރޭލުގެ ސިފައިންނާއި އާންމުން ހިމެނޭ ގްރޫޕެއްގެ ބަޔަކު ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ހިފަހައްޓައިފަ އެވެ.

އަލް ޖަޒީރާ އިން ވެސް މިކަން ޔަގީންކޮށްދިނެވެ. ހަމާސްގެ އޮފިޝަލަކު އަލް ޖަޒީރާއަށް ކިޔައިދިން ގޮތުގައި ރަހީނުންގެ ގޮތުގައި މީހުން ރަހީނުކުރި ކަމަށް ދައްކާ ވާހައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އޭނާ ވިދާޅުވީ ހިފަހައްޓަފައި ވަނީ ހަނގުރާމައިގެ ކުށްވެރިންނެވެ.

އިޒްރޭލަށް މިއިން ދުވަހަކު ނުވާވަރުގެ ގެއްލުން

އިޒްރޭލުގެ ސިއްހަތާ ބެހޭ އިދާރާއިން ޔަގީންކޮށް ދިން ގޮތުގައި ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ވެސް އެންމެ މަދުވެގެން ވެސް 22 މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ޖެހިފަ އެވެ.

ހަމާސްގެ ހަމަލައަށް ދުނިޔޭގެ ބަސް

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ މުޝީރު ރަހީމް ސަފާވީ ވަނީ ހަމާސްގެ ހަމަލައަށް މަރުހަބާ ކިޔައި އުފާ ފާޅުކޮށްފަ އެވެ. ރަހީމް ސަފާވީއާ ހަވާލާދީ އީރާނުގެ ޓީވީ އިސްނާ އިން ބުނިގޮތުގައި ފަލަސްތީނުގެ ބިންތައް މިނިވަން ވަންދެން އީރާނުން އެމީހުންނާ އެކުގައި ވާނެ އެވެ.

މިސްރު ސަރުކާރުން ވަނީ ހަމާސް އިން މިދިން ކުއްލި ހަމަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިސްރުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި ހަމާސްގެ މި އަމަލުގެ ސަބަބުން ހީވެސް ނުކުރާވަރުގެ ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ އެވެ.

އެ ބަޔާނުގައި ގޮވާލާފައި ވަނީ ދެފަރާތުގެ ކުރިމަތިލުންތަކުގައި އާންމުންނަށް ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވެސް ވަނީ ހަމާސްގެ ހަމަލާއާ ބެހޭ ގޮތުން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އުރުދުޣާން ގޮވައިލެއްވީ އެއްވެސް ހާލެއްގައި މަސްޖިދުލް އަގުސާއަށް ގެއްލުމެއްވާނެ އަމަލެއް ނުކުރުމަށެވެ.

ޔުކުރޭނުން ވަނީ އިޒްރޭލަށް އެގައުމުގެ ދިފާއުގައި ތެދުވުމުގެ ހައްގު އޮންނާނެ ކަމަށް ދެކޭ ކަމަށް ބުނެ ހަމާސްގެ ހަމަލާ ކުށްވެރިކޮށްފަ އެވެ.

އިނގިރޭސި ވިލާތާއި ޖަރުމަނާއި އެމެރިކާއިން ވެސް ވަނީ ހަމާސްގެ ހަމަލާ ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުގައި އުފާ ފާޅުކުރުން

އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ އެކި ހިސާބުތަކުގައި މީހުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ތެދުވުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމަށެވެ. އަދި އައްބާސް ވަނީ ސަރުކާރުގެ ވެރިންނާއި އާންމުންގެ އިސް މީހުން ހިމެނޭ ގޮތުން ކުއްލި ބައްދަލުވުމެއް ބާއްވައި، އިޒްރޭލުން އަންނާނެ ހަމަލާއިން ދިފާއުވުމަށް ކުރެވޭނެ ކަންތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.