ހުޅުމާލޭގެ ހިޔާ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިޔާ ފުލެޓުގެ ޓަވަރަކުން 15 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިރޭ 11:58 ހާއިރު ލިބިފައިވާ ކަމަށާއި އެ ކުއްޖާ ވެއްޓިފައި ވަނީ އެ އެޗް 6 ޓަވަރުގެ 12 ވަނަ ފަންފިލާ އިން ކަމަށެވެ.

މި ހާދިސާގައި މަރުވީ ހއ. ދިއްދޫ، ސަމަން ވިލާ، މުހައްމަދު އައިހަމް އިސްމާއިލް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓުނުތާ މާގިނައިރެއް ނުވެ ވަނީ މަރުވެފަ އެވެ. އަދި ވެއްޓުމާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދޭން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 6 ގެ 12 ވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު މިރޭ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ | ހުރިހާ

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ ކުއްޖާ ބޯކޮޅު ވަތަށް ވެއްޓި ފުރަތަމަ ޖެހުނީ ޕާކުކޮށްފައި އޮތް ކާރެއްގެ މަތީގަ އެވެ. އަދި ކާރުގައި އެ ކުއްޖާގެ ފައި ޖެހިފައި ގޮސް ބޯ ބިން މަތީގައި ޖެހި ފަޅައިގެން ގޮސް ލޭގަނޑު ބުރައިގެން ގޮސްފައިވެ އެވެ.

"އެ ކުއްޖާ ވެއްޓި ފުރަތަމަ ޖެހިފައި ވަނީ ކާރުގެ މަތީގައި. ދެން ގޮސް ބިން މަތީގައި ބޯ ޖެހިފައި ބައުންސްވެގެން މައްޗަށް އެރި ކަމަށް ވެސް އެބަކިޔާ،" މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 6 ގެ 12 ވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު މިރޭ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ | ހުރިހާ

މި ހާދިސާ ހިނގީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އެ ފުލެޓުން ކުއްޖާ ވެއްޓުނު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.