މަނާމާ (25 ޖެނުއަރީ) - ބަހުރެއިނުން އެ ގައުމުގައި އޮކްފޯޑް އެސްޓްރާ ޒެނެކާ ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފި އެވެ.

ބަހުރެއިންގެ ނޭޝަނަލް ހެލްތް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެޗްއާރްއޭ) އިން ވަނީ އިއްޔެ އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިން ވެގެންދާނީ ބަހްރެއިންގައި ބޭނުންކުރުމުގެ ހުއްދަ ދެވުނު ތިންވަނަ ވެކްސިނަށެވެ. މީގެ ކުރިން ބަހްރެއިން ވަނީ ޗައިނާގެ ސިނޮޕާމް ވެކްސިން އަދި ފައިޒާ އަދި ބަޔޯއެންޓެކްގެ ވެކްސިން ވެސް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

ބަހުރެއިނުން ބުނިގޮތުގައި އެންއެޗްއާރްއޭ އިން އެސްޓްރާ ޒެނެކާ ވެކްސިނަށް ހުއްދަދިނީ އެ އޮތޯރިޓީން ބަހުރެއިންގެ ކްލިނިކަލް ރިސާޗް ކޮމިޓީ އަދި ހެލްތް މިނިސްޓްރީގެ އިމިއުނިޒޭޝަން ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެސްޓްތަކަށް ފަހު އެވެ.

ވެކްސިން އުފެއްދުމުގައި އެކުންފުންޏަށް ދިމާވި މައްސަލަތަކާއި ގުޅިގެން އެސްޓްރާ ޒެނެކާ ކުންފުނިން ވަނީ އެ ކުންފުންޏަށް ދީފައިވާ އޯޑަރުތައް ހަމަޔަށް ޑެލިވާ ނުކުރެވޭނެކަން ގައުމުތަކަށް އަންގާފަ އެވެ. މިކަމުގެ ސަބަބުން ގިނަ ގައުމުތަކުން ވަނީ މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ވެސް ހިމެނެ އެވެ.

ބަހުރެއިން އަކީ ދުނިޔޭގައި އެންމެ ފުރަތަމަ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކޮވިޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމްކުރި ގައުމެވެ.

ބަހުރެއިންގައި ފޮޒިޓިވްވާ ފަރާތްތައް ކޮންޓެކްޓް ޓްރޭސިން ފަސޭހަކުރުމަށް ހެދި ބިވެއާ ސްމާޓްފޯން އެޕްލިކޭޝަން މެދުވެރިކޮށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ މި އިންތިޒާމް ހަމަޖައްސައިދީފަ އެވެ. ބަހުރެއިން ސަރުކާރުން ވަނީ މީގެ ކުރިން އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ހިލޭ ލިބޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބަހްރެއިން ވަނީ 99،800 މީހުން ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފަ އެވެ. އަދި މިރޯގާގައި 367 މީހުން މަރުވެފައިވެ އެވެ. – އަލްޖަޒީރާ