ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕީން ފަހަތަށް ޖެހުމެއް މިފަހަރު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ވަރަށް މިހާރު ވަނީ ސޮއި ހަމަކޮށްފަ އެވެ. އެ މައްސަލަ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށްޓަކައި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ނިންމައިފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރު ނިޔާޒު ވިދާޅުވީ އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކުރުން ބަލައިނުގަންނާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ އެމް.ޑީ.ޕީ ރޫޅާ ނުލެވޭނެ ކަމަށާއި މިފަހަރު ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ މީގެ ކުރިން ނަޝީދުގެެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެކި ހުއްޖަތްތައް ދެއްކި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ދައްކާނެ އެއްވެސް އިތުރު ވާހަކައެއް ނޯންނާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީން ބުނެފައިވަނީ މިހާރު 39 މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށެވެ.

މީގެކުރިން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނީ ހުއްޖަތުތަކެއް ދައްކަވައި ނަޝީދު ވަނީ އެ ދެ މައްސަލަ ކުރިއަށް ގެންދަން ދެކޮޅު ހައްދަވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން ވަނީ އެ ދެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަޝީދާއި އީވާގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ގާނޫނީ ހުއްޖަތުތައް ދައްކާތީ އެމްޑީޕީން މިފަހަރު ހުށަހަޅަން ގަސްތުކުރަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.