ދިވެހި ފިލްމީ ދާއިރާގައި މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަން ފިލްމޫ މަސައްކަތްތަކުން ކުޑަ ދުވަސްކޮޅަށް ބްރޭކެއް ނަގައިފި އެވެ.
ދިވެހިން މެދުގައި މަގުބޫލު ފިލްމުތަކެއް ކުޅެފައިވާ ސީޒަން ބުނީ މިހާރު ކަންކަން ހުރި ގޮތުން ކުޑަ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކާ ދުރަން ޖެހިލާ ކަމަށެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާ ދޫނުކޮށްލާ ކަމަށް ސީޒަން ބުންޏެވެ.
ނަމަވެސް ބްރޭކެއް ނަގަން ނިންމި ސީދާ ސަބަބެއް ސީޒަން ހާމައެއްނުކުރެ އެވެ.
ސީޒަނަކީ ރާއްޖޭގައި ފިލްމު ކުޅެމުން، ޑައިރެކްޓްކުރުމުގެ އިތުރަށް ފިލްމު ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާވާ ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ. އޭނަގެ އެސް ޕްރޮޑަކްޝަނުން މި އަހަރު ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ޑައިރެކްޓްކޮށް ކުޅުނު "ލޯބިވެވިއްޖެ" ގެ އިތުރުން ސްރީ ލަންކާގެ ކާސްޓެއް ހިމަނައިގެން ޑައިރެކްޓްކޮށް، ގެނެސްދިން "ކައުޝި" އެވެ.
ސީޒަންގެ ފުރަތަމަ ފީޗާ ފިލްމަކީ ރީކޯ މޫސަ އާއި ޖަމްޝީދާ އަހުމަދާ އެކީ ކުޅުނު 2000 ވަނަ އަހަރުގެ "2000 ވަނަ އުފަން ދުވަސް" އެެވެ. އޭގެ ފަހުން އޭނަ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ހިތް އެދެނީ"، "ގިނިހިލަ"، "ޒުލޭހާ"، "ޖިންނި"، "14 ވިލޭރޭ"، "މި ހަށިން ފުރާނަ ދަންދެން" އަދި "ލަވް ސްޓޯރީ" ހިމެނެ އެވެ.
ސީޒަން ޑައިރެކްޓްކޮށް، ކުޅުނު ފިލްމުތަކުގެ ތެރޭގައި "މާފެއް ނެތް"، "ކަރުނަވީ ބޭވަފާ"، "ވަތަން"، "އަހުޝަމް" އަދި "ވަފާތެރި ކެހިވެރިޔާ" ހިމެނެ އެވެ. ސީޒަނަކީ ބައެއް ޑްރާމާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ.
ސީޒަން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އަނެއްކާ މަޖްލިސް ގޮނޑިއަކަށް ކުރިމަތިލާންތަ؟
ސިޔާާސީކަންކަމުގަ ކެރިގެން ކުރިޔައްދޭ