ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ބެލްޖިއަމް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އެޑެން ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 32 އަހަރު ފޯވަޑް ހަޒާޑް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވާއިރު އަނިޔާގެ ސަބަބުން މިދިޔަ ދެތިން ސީޒަނެއްގައި އޭނާއަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.

ހަޒާޑް ފުޓްބޯޅަ ކުޅުމާއި ދުރަން ދިޔުމަށް ނިންމި ސަބަބަކީވެސް އޭނާއަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަ އެވެ.

ހަޒާޑް ޗެލްސީ ދޫކޮށް 2019 ވަނަ އަހަރު ރެއާލަށް ބަދަލުވީ 89 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. އެހެން ނަމަވެސް އޭނާ އަށް ޗެލްސީގައި ދެކުނު ކުޅުމެއް ރެއާލުގައި ދެކިފައިނުވެ އެވެ.

ޗެލްސީގައި 2019 ވަނަ އަހަރާ ހަމައަށް ހަޒާޑް މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނަ ވަނީ 352 މެޗުން 110 ގޯލު ޖަހައި އެ ކްލަބުގެ ލެޖެންޑެއްގެ ޝަރަފު ހޯދައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ހަޒާޑް ވަނީ ޗެލްސީއާއެކު ދެ ފަހަރަށް އިނގިރޭސި ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެހެން ނަމަވެސް ރެއާލުގައި އޭނާގެ ކުޅުމެއް ފެނިގެން ގޮސްފައިނުވެ އެވެ. މިދިޔަ ސިޒަންގައި އޭނާ ރެއާލަށް ކުޅެދިނީ ހަ މެޗެވެ.

ހަޒާޑަކީ ބެލްޖިއަމް ގައުމީ ޓީމަށްވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، މިދިޔަ އަހަރު ޑިސެންބަރު މަހު އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.