އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހާއްސަ ކޮށްގެން ހާއްސަ ގައުނެއް ތައާރަފުކޮށް އެގައުނު ބޭނުންކުރާގޮތަށް ހަމަޖައްސަވައިފި އެވެ.

2008 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރައްވަމުން އައީ ރިހި ކުލައިގެ ރޭނދާއެއް އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އަދި އުއްތަމަ ފަނޑިޔާރު ތުރުކުރައްވާ ގައުނުގައި ހުންނަނީ ރަން ކުލައިގެ ރޭނދާއެކެވެ.

ސުޕްރީމް ކޯޓުން ބުނީ އަލަށް ތައާރަފްކުރި ގައުނު ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީހާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށްކަމަށެވެ. މި ގައުނުގެ ރޭނދާގެ ޑިޒައިން ފަރުމާކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށް ދިނުމަށް ތިލަފަތަކާއި ތިން ތަރިއެއް ހިމެނޭ ޑިޒައިނެއްވެސް މި ރޭނދާގައި ވަނީ ހިމަނާފަ އެވެ.

ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާ އެކެވެ.

ޝަރީއަތުގެ މަޖިލީހާއި ހާއްސަ މުނާސަބަތަކުގައިވެސް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ގައުނު ތުރުކުރައްވާނެކަމަށް ސުޕްރީމް ކޯޓުން ހާމަކުރެ އެވެ.