އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ބައެއް ބޭފުޅުންނަށް ކުރިމަތިލެވޭގޮތަށް ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތިނުލާން ނިންމާތީ އެ ޕާޓީގެ އާންމު މެމްބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެމްއެންޕީން ރޭ ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމް، ޕީއެންސީގެ ބައެއް އާންމު މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.

ބައެއް އާންމު މެމްބަރުން ޓްވީޓާގައި ބުނީ ރިޔާސީ އިންތިހާބުގައި 1،900 ވޯޓު ލިބުނު ޕާޓީއަކާ އެކު މަޖިލިސް އިންތިހާބުގައި ކޯލިޝަން ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފާއިތުވި ފަސް އަހަރު އެމްއެންޕީން ކުރިމަކަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އަޑުއުފުލުން ކަމަށާއި އެފަދަ ބަޔަކަށް މަޖިލިސް އިންތިހާބުގައި އެ ފުރުސަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ބައެއް މެމްބަރުން ބުންޏެވެ.

އެމްއެންޕީއަށް ބައެއް ދާއިރާތަކުން ޓިކެޓް ދޭން ނިންމާއިރު، އެ ދާއިރާތަކުން ޕީޕީއެމަށްޓަކައި މަސައްކަތް ކުރި އާންމު މެމްބަރުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ވީތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދި އެވެ.