ތެހެރާން (26 ޖެނުއަރީ) - ރަޝިއާއިން ކޮވިޑް ވައިރަސްއާ ދެކޮޅަށް ބޭނުންކުރުމަށް އުފެއްދި "ސްޕްޓްނިކް ވީ" ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިރާނުން އެ ގައުމުގައި ދީފި އެވެ.

އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ބުދަ ދުވަހު ވިދާޅުވި ގޮތުގައި އިރާންގެ ކަމާއިބެހޭ އިދާރާއިން ވަނީ މި ވެކްސިން އިރާންގައި ބޭނުންކުރުމުގެ ހުއްދަ ދީފި އެވެ. އަދި ކައިރި މުސްތަގްބަލެއްގައި މިވެކްސިން ގަންނަން ލިބޭނެ ކަމަށާއި އެއާއެކު އުފެއްދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

އިރާންގެ ސްޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ މިމަހު ކުރީކޮޅުގައި އެމެރިކާ އަދި އިނގިރޭސިވިލާތުން އުފައްދާ ވެކްސިންތަކަށް އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވެ އެ ގައުމުތަކުގެ ވެކްސިން ބޭނުންކުރުން އީރާންގައި މަނާކޮށްފަ އެވެ.

އިރާނުން ބުނިގޮތުގައި އެ ގައުމުން ބޭނުންކުރާނީ ރަޝިޔާ، އިންޑިއާ އަދި ޗައިނާއިން އުފައްދާ ވެކްސިންތަކެވެ.

ރަޝިޔާއިން ވަނީ ސްޕްޓްނިކް ވީ ވެކްސިން މިދިޔަ އަހަރު އޮގަސްޓް ތެރޭގައި ރެޖިސްޓާ ކޮށްފަ އެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ކޮވިޑް ވެކްސިން އުފެއްދުމުގެ ކުރިންނެވެ. ރަޝިޔާއިން ބުނިގޮތުގައި ސްޕްޓްނިކް ވީ ވެކްސިން 90 ޕަސެންޓަށް ވުރެ ބޮޑަށް ކޮވިޑް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރެ އެވެ.

ރަޝިޔާއިން ވަނީ ޔޫރަޕްގެ ގައުމުތަކުގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދައަކަށް އެދި މިދިޔަ ހަފްތާގައި ޔޫރަޕިއަން ޔޫނިއަންއަށް ހުށަހަޅާފަ އެވެ.

އިއްޔެގެ ނިޔަލަށް އީރާނުން ވަނީ 1،379،286 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މިރޯގާގައި އިރާނުންވަނީ 57،481 މީހުން މަރުވެފަ އެވެ. – އަލް އަރަބިއާ