ކައިވެނި ރޫޅުމަކީ އެއްވެސް މީހަކަށް ތަހައްމަލް ކުރަން ފަސޭހަކަމެއް ނޫނެވެ. ލޯރާ ނަމަކަށް ކިޔާ މީހަކަށް މިވަނީ ކައިވެނި ރޫޅުމުގެ އިތުރަށް މާ ތަފާތު އެހެން ކަމަކާދިމާވެފަ އެވެ.

ލަންޑަނަށް ނިސްބަތްވާ، މިހާރު އުމުރުން 34 އަހަރުގެ ލޯރެން ވޯލް ކައިވެނި ކުރީ އެއާޕޯޓުގައި މަސައްކަތް ކުރާ ޕޯލް ވައިޓް ނަމަކަށް ކިޔާ މިހަކާ އެވެ. އޭރު ލޯރެންގެ އުމުރުން ވާނީ 19 އަހަރެވެ.

އޭނާގެ މަންމަ ޖޫލީ (މިހާރު އުމުރުން 53 އަހަރު) ވަނީ މި ކައިވެންޏަށް 19،000 ޑޮލަރު ހަރަދުކޮށްފަ އެވެ. އަދި ލޯރެންގެ ދެމަފިރިންގެ ހަނީމޫނަށް ވެސް މަންމަ ވަނީ ވަރަށް ހަރަދުކޮށްފަ އެވެ. މިކަމާ އުފަލުން ހުރި ލޯރެންއަށް ދެން ކުރިމަތިވީ ހީވެސްނުކުރާ ކަހަލަ ކަމަކާ އެވެ.

ކައިވެންޏަށް އަށް ހަފްތާވީ ތަނާ ލޯރެންގެ ފިރިމީހާ ޕޯލް ވަނީ ގެއިން ނުކުމެގެން ގޮސްފަ އެވެ. އޭގެ ނުވަ މަސްފަހުން ލިބުނީ ލޯރާގެ މަންމަ ޖޫލީ، ޕޯލްއަށް ދަރިއަކު ވިހެއި ހަބަރެވެ. އޭގެ ފަހުން އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން މުޅި ދުނިޔެއަށް ހާމަކުރި އެވެ.

"އަބަދުވެސް އަހަރެންގެ މަންމަ އާއި ޕޯލްއާ ވަރަށް ގުޅޭނެ. އޭރު އަހަރެންނަށް ތަފާތު ކަމެއް ފާހަގައެއް ވެސް ނުވޭ. އަހަރެން ހީކުރީ އެއީ މައިދައިތަ އާއި ދަނބިދަރި ވީމާ އޮންނަ ގުޅުމެއް ކަމަށް. އެ ދެމީހުން ވަރަށް ގިނައިން އެކުގައި ހީ ހަދާނެ. އެއީ ކަންބޮޑުވާން ޖެހެ ކަމެއް ކަމަށް ހީވާނީ ވެސް ކިހިނެތް؟،" ލޯރެން ބުންޏެވެ.

ކަންވީ ލޯރެން ހީކުރިގޮތަކަށް ނޫނެވެ. ލޯރެން ބުނާގޮތުން ކައިވެނިކޮށްގެން އާ ދިރިއުޅުމެއް ފަށަން ތައްޔާރުވެގެން ހުއްޓާ ޕޯލް ބަދަލުވި އިރު އަދި "ކައިވެނީގެ ސެޓްފިކެޓުގައި ކުރި ސޮއިގެ ދެލިވެސް ނުހިކޭ" ކަމަށެވެ.

ލޯރެން އިތުރަށް ބުނިގޮތުގައި ފަހުން އައިސް ޕޯލް އޭނާގެ ފޯނާ މެދު ފާރަވެރިވާކަން ފާހަގަކުރެވުނު ކަމަށެވެ. ލޯރެންގެ ދައްތަ އަށް އެ މީހުންގެ މަންމަގެ ފޯނަށް ޕޯލްގެ މެސެޖްތައް އަންނާތީ އެކަމާ ސުވާލުކުރުމުން އެ ދެމީހުންގެ ދެމެދުގައި އެކަހަލަ ގުޅުމެއް ނޯންނާނެއޭ ބުނި ކަމަށްވެ އެވެ.

"އެކަމާމެދު އަހަރެން ޕޯލް އާ ސުވާލުކުރުމުން އޭނާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވި. އަދި އަހަންނަށް އޭނާގެ ފޯނު ދެއްކުމަށް ދެކޮޅުހެދި،" ލޯރެން ބުންޏެވެ.

އޭގެ ދެތިން ދުވަސްފަހުން ޕޯލް ވަނީ އޭނާގެ ވެޑިންގް އަނގޮޓި ނެގުމަށްފަހު ލޯރެން އާއި އެ މީހުންގެ ހަތް މަހުގެ ދަރިފުޅު ދޫކޮށް، އެ ގެއިން ނުކުމެގެން ގޮސްފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިވުނީ ޕޯލްއާއި އޭނާގެ މަންމައެކުގައި ދިރިއުޅެން ފެށި ހަބަރެވެ.

ލޯރެން އަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. އޭނާއަށް ކެހި ލިބުނީ އެންމެ ލޯބިވާ މަންމަ އާއި ފިރިމީހާގެ ފަރާތުންނެވެ.

މިހާރު ބިޒްނަޒް ޑިވެލޮޕަރެއްގެ ވަޒީފާ އަދާކުރާ ލޯރެންއަށް ޕޯލްއާ އެންމެ ފުރަތަމަ ދިމާވީ އޭނާގެ އުމުރުން 18 އަހަރުގައި ބާ އެއްގެ ތެރެއިންނެވެ. އޭގެ އަނެއް ދުވަހު ޕޯލް ވަނީ ލޯރެންގެ ފޯނު ނަންބަރު ހޯދައިގެން ގުޅާފަ އެވެ. އެގޮތަށް ފެށިގެން އައި ގުޅުމަށް މާގިނަ ދުވަސްތަކެއް ނުވެ ދަރިއަކު ލިބުނެވެ. އޭގެ ފަސްމަސް ފަހުން އެ ދެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.

(ކ) ލޯރެންގެ މަންމަ ޖޫލީ އާއި ލޯރެންގެ ކުރީގެ ފިރިމީހާ ޕޯލް، (ވ) ލޯރެން

ކައިވެނުކުރި އިރު ޕޯލް ބުނެފައިވަނީ ދުވަހަކު ވެސް ލޯރެން ދޫކޮށްފައި ނުދާނެ ކަމަށެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަހެއް ނުވަނީސް ލޯރެން ދޫކޮށް ދިއުމަށް ފަހު ދެން އިވެން ފެށީ ލޯރެންގެ މަންމަ ޕޯލްގެ ދަރިއަކަށް ބަލިވެއިން ވާހަކަ އެވެ.

ލޯރެން ބުނިގޮތުގައި އޭރު މަގުމަތިން މަންމަ ފެންނައިރު ވެސް ކުޑަ ބަނޑެއް ހުންނަ ކަމަށާ އެކަމާ ގުޅިގެން ސުވާލުކުރުމުން އެއީ ސިސްޓެއްގެ ސަބަބުން މީހާ ފުފިފައި ހުންނަނީ ކަމަށް ބުނާ ކަމަށެވެ. އެ ހިސާބުން ލޯރެން ނިންމީ ޕޯލް ގާތުން ވަރިވާށެވެ. އޭގެ ނުވަ މަސްފަހުން ލޯރެންގެ މަންމަ ޖޫލީ ވަނީ ޕޯލްގެ ދަރިއެއް ވިހާފަ އެވެ.

ޖޫލީ ވަނީ އެއީ ޕޯލްގެ ދަރިއެއް ނޫންކަން ލޯރެންއަށް ވިސްނައިދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފަހުން ޖޫލީ އާއި ޕޯލްގެ ކައިވެނިކުރެވުނެވެ. އެ ކައިވެނީގެ ހަފްލާއަށް ލޯރެން ވެސް ދިޔަ އެވެ.

"އަހަރެން މީގެ ފަސްއަހަރު ކުރިން ކައިވެނި ކުރި މީހާއާއި އަހަރެންގެ މަންމަ ކައިވެނިކުރި ތަން ބަލަން އަހަރެން ދިޔައިން،" ލޯރެން ބުންޏެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ލޯރެން އާއި އޭނާގެ މަންމަ ދަނީ އެ ދެމީހުންގެ ގުޅުން އަނބުރާ އިއާދަކުރެވެތޯ މަސައްކަތް ކުރަމުންނެވެ.

"އަހަރެން ވަރަށް މަސައްކަތް ކުރަން މަންމައާ ކުރިން ވާހަކަދައްކާ އުޅުނު ގޮތަށް ވާހަކަ ދައްކަން. އެކަމަކު އެއީ ފަސޭހަކަމެއް ނޫން، އަހަރެން ދެން ދުވަހަކު ވެސް މަންމަ އަށް އިތުބާރެއް ނުކުރާނަން،" ލޯރެން ބުންޏެވެ.

ޖޫލީ ބުނާ ގޮތުން އޭނާ އާއި ޕޯލް އާއި ދެމެދުގައި ނަހަމަ ގުޅުމެއް ހިނގާފައެއް ނޯންނާނެ އެވެ. އަދި ދެ މީހުން ކައިވެނިކުރަން ބޭނުންވީމާ އެކަން ކުރީ ކަމަށް ވެސް އޭނާ ބުނެ އެވެ.