ދީޕިކާ ޕަދުކޯންއަކީ ހަމަ ގައިމުވެސް މިއަދު ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ފަންނާނެވެ. އެހެން ނަމަވެސް ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން އޭނާ ވަނީ ދުވަސްތަކެއް ވަންދެން މޮޑެލިންގެ ދާއިރާގައި ވެސް އުޅެފަ އެވެ.

މުމްބާއީގައި ދީޕިކާ މޮޑެލްކުރި ދުވަސްވަރުގެ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފަ އެވެ. އެއީ އޭނާގެ ފުރާވަރު އުމުރުގައި ނަގާފައިވާ ވީޑިއޯއެއް ނަމަވެސް އާއްމުންގެ ހިޔާލު އެކަމުގައި ތަފާތެވެ.

އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި އެ ވީޑިއޯގައި ވެސް އޭނާ ހީވަނީ 25 އަހަރުގެ އަންހެނެއް ހެން ކަމަށެވެ. އެ ވީޑިއޯގައި ދީޕިކާ ކަޅު ހެދުމެއްގައި މޮޑެލްކުރާ މަންޒަރު ފެނެ އެވެ.

https://www.youtube.com/watch?v=N3F6cY2Vee0

ދީޕިކާ ވަނީ އެ ވީޑިއޯގައި މޮޑެލިންގެ ތެރެއަށް ވަދެވުނު ގޮތް ވެސް ކިޔައިދީފަ އެވެ. އެގޮތުން އޭނާ މޮޑެލިންއަށް ވަންނަން ބޭނުންވި ނަމަވެސް ސްކޫލު ނިމުމުގެ ކުރިން އެކަން ކުރަން އޭނާގެ މައިންބަފައިން އެއްބަސްނުވި އެކަމަށް އޭނާ ބުނެ އެވެ.

ދީޕިކާ އިތުރަށް ބުނީ ގްރޭޑް 12 ނިންމައި ބޯޑިން އެގްޒޭމްސް ނިންމުމަށްފަހު މޮޑެލިންގެ ފުރުސަތުތައް ލިބެން ފެށުމުން އެކަމާ ދުރުގައި ނުހުރެވުނީ ކަމަށެވެ.

2007 ވަނަ އަހަރު ނުކުތް ފަރާ ޚާންގެ "އޯމް ޝާންތި އޯމް"އިން ޝާހްރުކް ޚާންއާއެކު ބޮލީވުޑަށް ތައާރަފްވި ދީޕިކާ ވަނީ މިހާތަނަށް ބޮޑު ކާމިޔާބީތަކެއް ހޯދާފަ އެވެ.