އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން ރެޕަރު ލަވަކިޔުންތެރިޔާ ޑީނޯ ޖޭމްސް ކާމިޔާބު ކޮށްފި އެވެ.

ކުލަ ގަދަ ޝޯއަކާ އެކު ގެނެސްދިން ފިނާލޭ އެޕިސޯޑާ އެކު ޑީނޯ ޝޯގެ ޓްރޮފީ އުފުލައިލީ އިނާމަކަށް 20 ލައްކަ ރުޕީސްގެ އިތުރުން ޒަމާނީ ކާރަކާ ވެސް އެކީގަ އެވެ. "ހަތުރޯން ކޭ ކިލާޅީ 13" ކާމިޔާބުކުރި ޑީނޯ އަކީ އިންޑިއާގެ ޓީވީ މަޝްހޫރު ރެޕަރު ލަވަކިޔުންތެރި އެކެވެ.

އޭނާ "ހަތުރޯން ކޭ ކިލާޅީ 13" ކާމިޔާބުކުރި އިރު، ޝޯގެ ރަނަރަޕް އަކީ ޝޯގައި ވަރުގަދަކަން ދެއްކި ޓީވީ އެކްޓަރު އަރިޖިތު ތަނޭޖް އެވެ. އޭނާ އަކީ މަޝްހޫރު ޓީވީ ސިލްސިލާތަކުން ފެނިގެންދިޔަ އެކްޓަރެކެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރި "ހަތުރޯން ކޭ ކިލާޅީ 13" ގެ ވަނަ ސީޒަން ގެނެސްދިނީ ދެކުނު އެފްރިކާގެ ކޭޕް ޓައުން އިންނެވެ. މި ސީޒަންގައި ވާދަކުރި އިތުރު ސެލެބްރިޓީންނަކީ ޓީވީ ބަތަލާ އައިޝްވާރިއާ ޝަރުމާ އާއި ރޯހިތު ރޯއި އާއި ”ބިގް ބޮސް 16“ ގައި ވާދަކުރި ޝިވް ތާކްރޭ އާއި އަރްޗަނާ ގޯތަމާއި ޝީޒާން ޚާނާއި ރޫހީ ޗަތުރަވެދީ އާއި އަންޖުމް ފާކިހް އާއި ނައިރާ ބެނަޖީ އާއި އަންޖަލީ އާނަންދު އަދި ސައުންދަސް މުފާކިރާ ހިމެނެއެވެ.

"ހަތުރޯން ކޭ ކިލާޅީ 12" ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފާ ތުޝާރް ކާލިއާ އެވެ.