ބޮލީވުޑްއަކީ ދޭދޭ ތަރިންގެ ދެމެދުގައި ނުތަނަވަސްކަމާއި އެކި ކަހަލަ މައްސަލަތައް އާއްމު ދާއިރާ އެކެވެ. އެފަދަ ބައެއް މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްތަކަކަށް ދެމިގެންވެސް ދެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް މައްސަލައަކީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާއާ ދެމެދު ޖެހުނު މައްސަލަ އެވެ.

2002 ވަނަ އަހަރު ނުކުތް ފިލްމް "އެއިތުރާޒް"ގައި އެ ދެތަރިން މަސައްކަތްކުރި ދުވަސްވަރު އެކަކު އަނެކަކާ ހިތްހަމަނުޖެހި ވާހަކަ ދެއްކުން ހުއްޓާލި ވާހަކަ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ.

އޭގެ ވިއްސަކަށް އަހަރު ފަހުން ކަރީނާ މިވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އެދެތަރިންގެ މެދުގައި މައްސަލަ ޖެހުނީ އެދުވަސްވަރު ބޮލީވުޑްގައި އޮތް މާހައުލުގެ ސަބަބުން ކަމަށެވެ.

"ބޮލީވުޑްއަކީ ފާޑެއްގެ ތަނެއް. އަހަރުމެން އޭރު މަސައްކަތްކުރީ އަހަރުމެންގެ މަސައްކަތް އާއްމުންނަށް ދައްކަން" ކަރީނާ ބުނެފައިވެ އެވެ.

ދެތަރިންގެ މެދުގައި ޖެހިފައި އޮތް މައްސަލަ އެއްފަރާތް ކުރުމަށްފަހު އެ ދެމީހުން ވަނީ "ކޮފީ ވިތު ކަރަން"ގެ ހަވަނަ ސީޒަންގެ އެޕިސޯޑަކުން އެކުގައި ފެނިގެން ގޮސްފަ އެވެ.