ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތަުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑް އަދި ވިސާ ކާޑް ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް އެމްޓީސީސީން ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފޮނަދޫ، އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުގެންދާ އާރުޓީއެލް ބަސް ހިދުމަތަށް މާސްޓާ ކާޑް އަދި ވިސާ ކޮންޓެކްޓްލެސް ކާޑް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓާ ކާޑް ނުވަތަ ވިސާ ކާޑެއް ކަމުގައިވީ ނަމަވެސް އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ އެ ކާޑު މެދުވެރިކޮށް އަތޮޅު ތެރޭގެ އާންމު ބަހުގެ ހިދުމަތުގެ ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލްގެ ދަށުން އަތޮޅު ތެރޭގައި ދެމުންގެންދާ ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެއެވެ. އެގޮތުން "ފިކްސްޓް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައި ވަނީ އެއް އަގެކެވެ. އެމްޓީސީސީން ބުނީ އެ ރޫޓުން ދަތުރު ކުރާ އިރު، ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަން ޖެހޭނީ ބަހަށް އަރާ އިރު އެކަނި ކަމަށެވެ.

ނަމަވެސް "ޑިސްޓެންސް ފެއަރ" ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށް ކަމަށާއި މި ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އަރާ އިރު "ޓެޕް އިން" ކުރާ ފަދައިން ބަހުން ފައިބާ އިރު "ޓެޕް އައުޓްވެސް" ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ހަމައެހެންމެ "ޑިސްޓެންސް ފެއަރ" ރޫޓެއްގައި ދަތުރު ކުރާ އިރު "ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ހިދުމަތް އުމުރުން 65 އަހަރުން މަތީ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.