ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފި އެވެ.
ޖުޒަމް ބަލި ނުވަތަ ލެޕްރަސީ ނެތް ގައުމެއްކަން ކަނޑައެޅުމަށް ރާއްޖެއަށް ބޭނުންވާ އެންމެ މުހިންމު އެއް ޝަރުތަކީ 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަށަވަރުކުރުމެވެ. ހެލްތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ހަމަ ވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ކުރި މަސައްކަތްތައް ނިމި މި އަހަރުގެ މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ޖުޒާމް ބަލި ނެތްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯކް" ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ.
ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަޖުރިބާކާރުންގެ ޓީމާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
"ޒީރޯ ލެޕްރަސީ ފްރޭމްވޯކް"ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި މި ފްރޭމްވޯކްގެ ލަނޑުތަނޑިތައް ހާސިލް ވަމުންދާ މިންވަރު ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ.
ޖުޒަމް ބަލި ނެތް ރަށްތައް ކަނޑައެޅުމަށް ޖުޒާމް ބަލި ދެނެގަތުމާއި، ބައްޔަށް އާންމުން ސްކްރީންކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު އާންމުން ދެކޭގޮތް ބަދަލުކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާނަލް ވެރިފިކޭޝަން އެސެސްމެންޓަތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.