މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދަމުން އަންނަ "ތިލަމާލެ" ބްރިޖު މަޝްރޫއުއާ ގުޅޭ ގޮތުން ގު ހަބަރު ނުފެތުރުމަށް އިންޑިއާގެ ހައި ކޮމިޝަނުން އެދިއްޖެ އެވެ.

ތިލަމާލެ ބްރިޖާ ބެހޭ ގޮތުން މީޑިއާއަކުން ކުރި ރިޕޯޓަކާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަޝްރޫއު ކުރިއަށްދާ ގޮތާއި މަޝްރޫއުއާ ގުޅޭ ތާރީހުތައް އަދި އެ މަޝްރޫއުގެ ޓައިމް ލައިން ގެނެސް ދީފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކަމަށެވެ.

އެފަދަ މައުލޫމާތުތައް އާންމު ކުރުމުގެ ކުރީން ސައްހަ މައުލޫމާތު ހޯދުމަށާއި ޒިންމާދާރު ކަމާ އެކު މައުލޫމާތު ފެތުރުމަށް ހައި ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސްއާ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އެފްކޮންސްއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26، 2021 ގައެވެ. އެހެންކަމުން، އެފްކޮންސް އިން އެ މަޝްރޫއު ކުރިއަށް ގެންދާތާ ދެ އަހަރު ވަނީ ވެފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު އަޅާނީ ތިން ބްރިޖެކެވެ. އެ ތިން ބްރިޖަކީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖާއި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ އިރު، އިންޑިއާ ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދިނީ އިންޑިއާއިންނެވެ.