ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ކުންފުނީގެ ކަމަށް ބެލެވޭ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލާނީ ގޯސްތަކެއް ހަދާފައި ހުރީމަ ގޯސްތައް ފޮރުވުމުގެ ބޭނުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
އިލްޔާސް އެގޮތަށް ވިދާޅުވީ ގިނަ އަދަދެއްގެ ލިޔުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. ވީޑީއޯގައި އެކަން ކުރަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެކެވެ. މި މަންޒަރު ވީޑިއޯ ކުރި އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.
އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އިލްޔާސް ވިދާޅުވީ ޓްރާންސިޝަނަލް މުއްދަތުގައި ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއް ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ލިޔުންތައް ނައްތާލައިގެން ވެސް ނުވާނެ ކަމަށެވެ.
"އަދި ދެން އަންނަން އޮތް ސަރުކާރަކުން ބަލަން ބޭނުންވެއްޖެ ނަމަ، އެ ޑޮކިއުމަންޓްތައް ފެންނަން ވެސް ޖެހޭނެ." އިލްޔާސް ވިދާޅުވި އެވެ.
ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގައި ހުންނަ ޑޮކިއުމަންޓްތަކަކީ އަމާނާތްތެރިކަމާ އެކީގައި ރައްކާތެރި ކުރަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށާއި އެ ތަނުގެ ވެރިން އެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"ފިއުލް ސަޕްލައި ވިޔަސް، އެހެން ތަނެއްގެ ވިޔަސް، ފެނަކަ ވިޔަސް، އާރުޑީސީ ވިޔަސް އެއްވެސް ކުންފުންޏެއްގެ ޑޮކިއުމަންޓެއް ނައްތާލައިގެން ނުވާނެ، އެ ބަހައްޓަން ޖެހޭނެ. އެ ބަލަން ބޭނުންވާ ބަޔަކު، ބަލަން ބޭނުންވާ ހާލަތުގައި ބެލެން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ކުންފުނިތައް ކުރިއަރުވަން ބޭނުންވާ ނަމަ، އެ ޑޮކިއުމަންޓްސްތައް ހުންނަން ޖެހެ އެވެ. ޓްރާންސިޝަނަލް މުއްދަތުގައި ލިޔެކިޔުންތަކެއް ނައްތާލާނީ ކޮންމެވެސް ގޯސްތަކެއް ހަދާފައި ހުރީމަ ގޯސްތައް ފޮރުވާ ކަން ގަބޫލު ކުރެއްވޭ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
އަނީސް ބުނީ އެ މަންޒަރުތައް އޭނާ ވީޑިއޯ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އެ ލިޔެކިޔުންތައް ނައްތާލީ އޮންނަ އުސޫލާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.