އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏަކުން ތައްޔާރުކުރަމުންދާ ބޭހަކުން ކޮވިޑް ރޯގާ ފެތުރުން 100 ޕަސެންޓް ކޮންޓްރޯލް ކޮށްދޭނެ ކަމަށް ބުނެފި އެވެ.

ރިޖެނެރޮން ފާމަސޫޓިކަލްސް އިން ބުނީ އެކުންފުނީގެ ރިޖިން-ކޮވި ބޭހުން ކޮވިޑްގެ އިންފެކްޝަން ރޭޓް 50 ޕަސެންޓް ދަށްކޮށްދޭ ކަމަށެވެ.

ކުންފުނީގެ ރައީސް އަދި ޗީފް ސައިންޓިސްޓް ޖޯޖް ޔަންކޮޕްލޮސް ބުނީ މި ހޯދުންތަކަކީ އަދި ވަރަށް ކުރީގެ މަރުހަލާގެ ޓެސްޓްތަކުގެ ނަތީއްޖާ ކަމަށާއި ޔަގީން ނަތީއްޖާ ލިބޭވަރުވަނީ މިއަހަރުގެ ދެވަނަ ކުއާޓާ ނިމޭ ހިސާބުގައި ކަމަށެވެ. އަދި އެޓެސްޓްތަކުން ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް މިހާރު ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންދާ ކޭސްތަށް މަދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ވެކްސިން އެތައް ހާސްބަޔަކަށް ދެމުންގެންދާއިރު ވެސް ކޮވިޑްގެ އިންފެކްޝަން ރޭޓް މަދުނުކުރެވޭ ކަމަށެވެ. އަދި ވެކްސިން ދިން މީހުން ވެސް ކޮވިޑަށް އަލުން ޕޮޒިޓިވްވެ، އެ މީހުންގެ ފަރާތުން ބަލި ފެތުރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޖެން-ކޮވި އެންޓިބޮޑީން ބަލި ފެތުރުން ކޮންޓްރޯލްކޮށް، ހައިރިސްކް މީހުން މިބަލިން ރައްކާތެރިކޮށްދޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ރިޖެން-ކޮވި މަސައްކަތްކުރާ ގޮތަކީ ސާސް ކޮވިޑް-2ގެ ސެލްގެ ޕްރޮޓީން ސާފޭސްގައި ތަތްކޮށްލައި އިންފެކްޝަން އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމެވެ. މި ޓެސްޓްތަކުގައި ބޭނުންކޮށްފައި ވަނީ އާއިލާގެ ކޮންމެވެސް އެއް މެމްބަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެކެވެ. މި ޓެސްޓްތަކުގައި ޖުމްލަ 400 މީހުން ބޭނުންކޮށްފައިވެ އެވެ.

މި ބޭސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހައިރިސްކް މީހުންނާއި، ވެކްސިން ދިނުމުންވެސް ރައްކާތެރިކަން ކަށަވަރު ނުކުރެވޭ މީހުންނަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ބޭސް ބޭނުންކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އެހާ އަވަހަށް ރަނގަޅުވީ މިބޭހުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ދުނިޔޭގައި މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު ރިކަވަރީ ސްޓަޑީ ކުރިއަށްގެންދާ އޮކްސްފޯޑް ޔުނިވާސިޓީން ވެސް ރީޖެން-ކޮވި ތަހްލީލުކުރަމުން ގެންދަ އެވެ. މިސްޓަޑީގައި އިނގިރޭސިވިލާތުގެ 174 ހޮސްޕިޓަލަކުން ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ 2،000 މީހުން ބޭނުންކުރެ އެވެ.

ކޮވިޑް ވީހާވެސް އަވަހަކަށް ކޮންޓްރޯލް ކުރެވޭނެ ބޭހެއްގެ ބޭނުންވާ ކަމަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތް ސާވިސްގެ ހެޑް ސާ ސިމޮން ސްޓީވަންސް ވަނީ ކޮވިޑް ރޯގާއަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 100،000 އަށް މައްޗަށް ގޮސްފަ އެވެ. ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަނީ ދަތިވެފަ އެވެ.