ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ނަންބޯޑު ތިރީގައި "ޞޯލިހު ޕާޓީ އަދި އެމްއެންޕީ"، ޖެހި މައްސަލައިގެ ސީސީޓީވީ ފްޓޭޖް ގިނަ ދުވަސްވުމުން ލިބެން ނެތްކަން އެމްއެންޑީއެފް އިން މަޖިލީހަށް އަންގައިފި އެވެ.

ޖުލައި 7، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ޖޭޕީ އޮފީހުގެ ނަންބޯޑު ތިރީގައި ކަރުދާސް ގަނޑެއްގައި "ޞޯލިހު ޕާޓީ އަދި އެމްއެންޕީ،" ޖެހި މައްސަލަ އިމްތިއާޒާއި ސުލޫކާ ބެހޭ ކޮމެޓީން ވަނީ ކުރިން ވެސް ބަލަން ފަށައިފަ އެވެ. ޖޭޕީން އެ މައްސަލަ ސުލޫކު ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޖުލައި 7 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތްތައް ގިނަ ދުވަސްތަކަކަށް ވަނީ ހުއްޓިފަ އެވެ.

މިއަދު އޮތް ސުލޫކު ކޮމެޓީގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާ ކުރުމަށް އެދިފަ އެވެ.

ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޖޭޕީން މައްސަލަ ހުށަހެޅުމުން އެ މައްސަލައިގެ ސީސީޓީވީ ފުޓޭޖު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުމުން އެކަމުގެ ޖަވާބު އެމްއެންޑީއެފް އިން ދީފައިވާ ކަމަށެވެ.

އެ ސިޓީގައި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ހޯދަން އެދުނު ސީސީޓީވީ ފުޓޭޖު ގިނަ ދުވަސްވުމުގެ ސަބަބުން ނެތް ކަމަށެވެ.

އެ ސިޓީ ލިބުނު ފަހުން، ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެއް ނުވެ އެވެ.

ސީސީޓީވީ ފުޓޭޖް ލިބެން ނެތް ކަމަށް ބުނުމުން ކޮމެޓީގައި ތިއްބެވި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާ ތާރީހުތަކާއި ފުޓޭޖު ހޯދަން އެދުނު ތާރީހަށް ބަލާއިރު، ރެކޯޑެއް ނެތިގެން ދާނެހާ ދުވަސް އެ ދެމެދުގައި ހިނގާފައި ނުވާ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ސީސީޓީވީ ފުޓޭޖް ނުލިބުމުގައި އިހުމާލެއް އުޅޭ ކަމަށެވެ.

އެ މައްސަލަ ބެލުމަށް ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ކޮށްގެން ސުވާލުކުރުމަށް ނަޝީދު ހުށަހެޅުއްވި އެވެ.