ފަލަސްތީނަށް ނިސްބަތްވާތީ އެކި ފަހަރު މަތިން އޭނާއަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށް މަޝްހޫރު މޮޑެލް ބެއްލާ ހަދީދް ބުނެފި އެވެ.
ބެއްލާ މިހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ އިޒްރޭލް - ހަމާސް ހަނގުރާމައާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަ ދައްކަމުންނެވެ.
މީގެ ކުރިން މިކަމުގައި އަޑު އުފުލިފައިނުވާތީ މައާފަށް އެދެމުން ބެލާ ވަނީ ޣައްޒާގައި ކުރިއަށްދާ އަނިޔާވެރިކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ބެލާ އިތުރަށް ބުނީ އޭނާގެ ހަށިގަނޑުގައި ފަލަސްތީނުގެ ލޭ ހިނގާތީ އެތައް ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެއީ އޭނާގެ އާއިލާގެ ޖީލުތަކަށް ދެމިގެން ގޮސްފައިވާ ހިތާމަތަކެއް ކަމަށެވެ.
މީގެ އިތުރުން ވެސް ބެއްލާ ވަނީ ފަލަސްތީނުގައި ތިބި އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބެއްލާގެ ބައްޕަ މުހައްމަދު ހަދީދްއަކީ ފަލަސްތީނަށް ނިސްބަތްވާ ވިޔަފާރިވެރި އެކެވެ. އެހެން ނަމަވެސް އޭނާ އުފަންވެ ބޮޑުވީ އެމެރިކާގަ އެވެ.