ތެހެރާން (28 ޖެނުއަރީ) - އީރާންގެ އެއްވެސް ތަނަކަށް އިޒްރޭލުން ހަމަލާދީފިނަމަ އިޒްރާއީލުގެ ތެލްއަވީވް އަދި ހައިފާ ސިޓީ ފުނޑުފުނޑު ކޮށްލާނެކަމުގެ އިރާނުން އިންޒާރު ދީފި އެވެ.

އީރާންގެ އަސްކަރިއްޔާގެ ސްޕޯކްސް ޕާސަން މިގޮތަށް އިންޒާރުދެއްވީ އިޒްރޭލުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަފީފު ކޮހާފީ ތެލްއަވީވް ޔުނިވާސިޓީގައި އަސްކަރީ ރިސާޗްތަކާއި ބެހޭ އިންސްޓިޓިއުޓުން ބޭއްވި ބައްދަލުވުމެއްގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ގާތަށް ގޮސްފައިވާ ކަމަށާއި އަދި މިއީ އިޒްރޭލަށާއި މުޅި މެދުއިރުމަތީގެ ސަރަހައްދަށް އޮތް ނުރައްކަލެއްކަމަށް ސިފަކޮށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ. އަދި އިޒްރޭލުން އީރާންގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދޭން ތައްޔާރު ވަމުންދާކަމަށް ވެސް ސިފައިންގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.

އީރާންގެ އަސްކަރިއްޔާގެ ސްޕޯކްސް ޕާސަން ޖެނެރަލް އަބްދުލް ފަޒްލް ޝެކްރަޗީ ވިދާޅުވީ އިޒްރޭލުން އިރާނާ ދެކޮޅަށް ކިތަންމެ ކުޑަމިންވަރެއްގެ ބާރެއް ބޭނުންކުރިޔަސް އެކަން ވެގެންދާނީ އިޒްރޭލުގެ ނިމުން ކަމަށެވެ. އަދި އިޒްރޭލުގެ މިސައިލް ބޭސްތަކަށާއި، އިޒްރޭލުގެ ތެލްއަވީވް އަދި ހައިފާ ސިޓީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިމާހަމަކޮށްލާނެ ފަދަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލަށް އީރާންގެ ފުރިހަމަ އަސްކަރީ ބާރު ނޭނގޭ ކަމަށާއި އިޒްރޭލަކީ ކެންސަރެއް ކަމަށް ސިފަކޮށް މުޅި ރީޖަންގެ ސަލާމަތަށް އެންމެ ފައިދާވާނީ މި ކެންސަރު ނައްތާލުމުން ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ 2015 ވަނަ އަހަރު އީރާނާއެކު ހެދި ނިއުކްލިއާ ޑީލް އަލުން އަބުރާ އިއާދަކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުގެ ސިފައިންގެ ވެރިޔާ ވަނީ މިކަމަކީ އެމެރިކާއިން އަދި ޔޫރަފިއަން ޔޫނިއަނުންކުރާ ވަރަށް ގޯސްކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އީރާނުން ވަނީ ނިއުކްލިއާ ޑީލްގައި އެއްބަސްވި ކަންކަން އިރާނުން ތަންފީޒުކުރަން ފަށާނީ އެމެރިކާއިން މި އެއްބަސްވުމާ އަލުން ގުޅުމުން ކަމަށް ހާމަކޮށްފަ އެވެ. އަދި އެނޫން ގޮތަކަށް އީރާނުން އެއްބަސްނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. – އަލްއަރަބިއާ