ފްރާންސްގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުނި އެކޯއިން، ކްރޮސްރޯޑްސްގައި ތަރައްގީކުރި ރިސޯޓް އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ އެނބޫދޫ ފިނޮޅުގައި ހިންގާ ކްރޮސްރޯޑްސްގައި ހުޅުވާ ތިން ވަނަ ރިސޯޓެވެ. މި ރިސޯޓް ތަރައްގީކޮށްފައި ވަނީ "އެސް ހޮޓެލްސް" އާއި "ވާއި އިކޯ ވޯލްޑް ޑިވެލޮޕާ" އާ ގުޅިގެންނެވެ. އަށްޑިހަ އެނދުގެ މި ރިސޯޓް ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހެދި އެ ރިސޯޓުގައި އާއިލާތަކަށް ހާއްސަ ވިލާ އާއި ތިން ކޮޓަރީގެ ވިލާތައް ވެސް ހިމެނެ އެވެ. އަދި ތަފާތު ހިސާބަކުގެ ކެއުންތައް ލިބޭ ތިން ރެސްޓޯރަންޓާއި ޓޫރިސްޓުންނަށް ބޭނުންވާ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ.

ތަފާތު ޑިޒައިންތަކެއް ފެނިގެންދާ މި ރިސޯޓަކީ މަޝްހޫރު އާޓިސްޓުންނާއި ފެޝަން ޑިޒައިނަރުންނާ ގުޅިގެން ޓޫރިސްޓުންނަށް މުޅިން ތަފާތު ލައިފްސްޓައިލެއް ތަޖުރިބާކޮށްލެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

ކްރޮސްރޯޑުގައި ތަރައްގީ ކުރި ބައެއް ރަށްތައް.

އެކޯ އަކީ ޔޫރަޕްގެ ވެސް އެންމެ ބޮޑު ހޮސްޕިޓަލިޓީ ކުންފުންޏެވެ. ހޮޓެލް އިންޑަސްޓްރީގައި ދުނިޔޭގެ ހަ ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް 110 ގައުމެއްގައި ރިސޯޓާއި ހޮޓާ އަދި 5،100 ތަނެއްގައި ހޮޓާތައް ހިންގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި އެންމެ 15 މިނިޓުން ދެވޭ މި ރިސޯޓު ހަދަނީ ބަގީޗާތައް ހިމެނޭ ގޮތަށް، ދިވެހި ވަންތަ ސިފަތަކާ އެކު އެވެ. މިއީ އެކޯ އިން ރާއްޖޭގައި ހަދާ ފަސް ވަނަ ރިސޯޓެވެ. މީގެ ކުރިން ޕުލްމަން އާއި މުވެންޕިލް އާއި ރަފްލްސްގެ އިތުރުން ފެއާމޮންޓް ބްރޭންޑްގެ ދަށުން ރިސޯޓުތައް ހުޅުވާފައިވެ އެވެ.