އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. މިވާހަކަ ފެށެނީ އެމެރިކާއިން އިންތިޒާމުކުރި ޑިނާ ޑާންސް ޕާޓީއަކުންނެވެ. ލޮރެއިން މިނޮވިޗް އާއި ޖޯޖް ޑިމެޑީރޯސް އެންމެ ފުރަތަމަ ބައްދަލުވީ މި ޕާޓީގެ ތެރެއިންނެވެ.
އެ ޕާޓީގައި ކައި ނިންމައިގެން ގެއަށް ދާން އުޅެނިކޮށް ލޮރެއިން ކައިރީ ޑާންސްއެއް ކުރުމަށް އެދުނީ އިސްކޮޅުން ދިގު، ރީތި މެރިންއެކެވެ. އެ ދެ މީހުން އެކުގައި އެރޭ ވަރަށް ގިނަ އިރުވަންދެން ޑާންސް ކުރި އެވެ.
އެ މެރިން (ޖޯޖް ޑިމެޑީރޯސް) އޭގެ އަނެއް ދުވަހު ލޮރެއިން އާ ބައްދަލުކުރުމަށް އޭނާ އުޅޭ ގެ ކައިރިއަށް ދިޔަ އެވެ. ނަމަވެސް ފުނާ ނާޅާ ހުރުމުން ލޮރެއިން ތިރިއަށް ނުފޭބި އެވެ. ވަރަށް ގިނައިރު އިންތިޒާރު ކުރުމަށް ފަހު ޖޯޖް ދިޔައީ އެވެ. އޭގެ ފަހުން ލޮރެއިންއަށް ޖޯޖްގެ ހަބަރެއް ނުވެ އެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ވޮޝިންގްޓަން ޑީސީގެ ނޭޝަނަލް އާކައިވްސް އިން ލޮރެއިންއަށް ވަޒީފާ ލިބުނެވެ. އެތަނުގައި ލޮރެއިން ކުރަންޖެހޭ ކަމަކީ އެ ގައުމުން ބޭރުގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސްޓްރެޓެޖީތައް ޓްރާންސްކްރައިބް ކުރުމެވެ.
މިއީ ސިއްރު މަސައްކަތެއް ކަމުން ފައިލްތައް ޑެލިވާ ކުރަންދާއިރު ވެސް ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ލޮރެއިން އާއެކު އަސްކަރީ ދެ އޮފިސަރުން އަބަދުވެސް ހަރަކާތްތެރިވެ އެވެ.
އެއް ދުވަހަކު މަސައްކަތުގައި އުޅެނިކޮށް ސިއްރު ލިޔުމަކުން ޖޯޖްގެ ނަން ފެނުނެވެ. އެލިޔުންތަކުން އެނގުނު ގޮތުގައި އޭނާ ހުރީ އަލަސްކާ ބޭރުން އެލިއުޓިއަން އައިލެންޑްސް ގައި އޮންނަ ސިއްރު އެއާ ބޭސްއެއްގަ އެވެ.
ލޮރެއިން ވަނީ ސިއްރުން ޖޯޖްގެ އެޑްރެސް ނަގާފަ އެވެ. އޭރުވެސް މިއީ ގައުމީ ސަލާމަތައް ނުރައްކާވެދާނެ ވަރުގެ ކަމެއްކަން އޭނާއަށް އެނގުނެވެ. ނަމަވެސް ފަރުވާލެއް ނެތި ލޮރެއިން ވަނީ ޖޯޖް އަށް މެސެޖެއް ފޮނުވާފަ އެވެ. އެ ގުޅުން ފެށިގެން އައީ އެހިސާބުންނެވެ.
އޭގެ ދުވަސްތަކެއް ފަހުން ލޮރެއިން އަށް ޖޯޖްގެ ސިޓީއެއް ލިބުނެވެ.އެއާއެކު އެ ދެމީހުންގެ މެދުުގައި ގަވާއިދުން ސިޓީ ބަދަލުކުރަން ފެށުނެވެ.
ޖޯޖް ވަނީ އޭނާ ލިޔުނު ތިންވަނަ ސިޓީގައި ލޮރެއިންދެކެ ލޯބިވާ ކަން ވެސް ހާމަކޮށްފަ އެވެ. ލޮރެއިން ވަނީ އެ ހުށައެޅުން ގަބޫލު ވެސް ކޮށްފަ އެވެ.
ލޮރެއިން ވަނީ ޖޯޖްއާ ކައިވެނިކުރަން އޭނާގެ ވަޒީފާއާއި ވަޒީފާގައި ލިބެން އޮތް ޕްރޮމޯޝަނެއް ދޫކޮށް، ސޭންފްރެންސިސްކޯއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ގޮތަކަށް ފެށުނު މި ގުޅުމުގައި އެ ދެމީހުން ވަނީ އެކުގައި 56 އަހަރު ހޭދަކޮށްފަ އެވެ.