90ގެ އަހަރުތަކުގައި މަޝްހޫރުވި އެންބީއެސް ޓީވީ ސީރީޒް "ފްރެންޑްސް"ގައި ޗޭންޑްލާގެ ރޯލުން ފެނިގެންދިޔަ މެތިއު ޕެރީ މަރުވުމާ ގުޅިގެން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ އެ ޝޯގައި މެތިއުއާއެކު ފެނިގެންދިޔަ އެހެނިހެން ތަރިންގެ ބަހަކަށެވެ.

އެގޮތުން އެޝޯގެ ސްޓާ ކާސްޓްގައި ހިމެނޭ ކޯޓްނީ ކޮކްސް (މޮނިކާ)، ޖެނިފާ އެނިސްޓަން (ރޭޗަލް)، ލީޒާ ކުޑްރޯ (ފީބީ)، މެޓް ލެ ބްލޭންކް (ޖޯއީ) އަދި ޑޭވިޑް ޝްވިމާ (ރޮސް) ގުޅިގެން މިވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މެތިއުއަކީ ހަމައެކަނި އެކުގައި މަސައްކަތްކުރި ފަރާތެއް ނޫން ކަމަށާއި އެއީ އެއް އާއިލާއެއް ކަމަށެވެ. އެއާއެކު އޭނާގެ މަރަކީ އެ ގްރޫޕަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް އެތަރިން ވަނީ މިވަގުތު އެ އެންމެން ވެސް ދަނީ ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުން ކަމަށާއި އެ ހިތާމައިން އަރައިގަތުމަށް ވަގުތު ދިނުމަށް އެދިފަ އެވެ.

"މިވަގުތު އިތުރަށް ބުނާނެ ވާހަކައެއް ނެތް. ވަގުތު ޖެހުމުން މިކަމާ ބެހޭ ގޮތުން އެންމެން ވެސް ވާހަކަ ދައްކާނެ" ބަޔާނުގައި ބުނެފައިވެ އެވެ.

މެތިއު މަރުވެފައި އޮއްވާ ފެނުނީ އޮކްޓޯބަރު މަހު 28 ވަނަ ދުވަހު އޭނާ ދިރިއުޅެމުން އައި ގޭގެ ބިލިގާއެއްގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ގެނބިގެންނެވެ.

ފްރެންޑްސްއަކީ 1994 ވަނަ އަހަރުން 2004 ވަނަ އަހަރަށް ކުރިއަށްދިޔަ ކޮމެޑީ ސިޓްކޮމް އެކެވެ. އެ ޝޯއަކީ މިއަދުވެސް ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ޝޯއެކެވެ.

މެތިއުވެސް ހިމެނޭހެން ފްރެންޑްސްގެ ހުރިހާ ތަރިންނާއެކު 2021 ވަނަ އަހަރު އެ ޝޯގެ ރީޔޫނިއަންއެއް ބޭއްވިއިރު މެތިއު ވަނީ އެ އެންމެންގެ ގުޅުން ވެސް ވަރަށް ގާތް ކަމަށް އެ ރީޔޫނިއަންގެ ތެރެއިން ބުނެފަ އެވެ.