ތިލަފުށީ ފޭސް ދޭ ހިއްކުމަށް ކަނޑައޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަމަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމިއްޖެ އެވެ.

އާބަންކޯ އިން ބުނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ 39.6 ހެކްޓަރުގެ ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށެވެ. މި އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.

އާބަންކޯ އިން ބުނީ އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 71.5 ހެކްޓަރުގެ ސަރަހައްދެކެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރި ބޭނުންތަކަށް ޖާގަ ތަނަވަސްކޮށދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވެ އެވެ. މިކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް އަންނާނެ އެވެ.